ރައީސް ނަޝީދާއި ފައްޔާޒު ގަދަ ހިފުމަކަށް ޓީވީއަށް!
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދާއި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާޢިލާ، ދެ ބޭފުޅުންގެ މެދުގައި އަނެއްކާ ވެސް ބަހުގެ ހަމަލާތަކެއް ރައްދު ކޮށްފިއެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުން ހިމެނޭ ވަޓްސްއަޕް ގުރޫޕެއްގައި ރައީސް ނަޝީދު ވަނީ ފައްޔާޒު ފޮރުވަނީ ސަރުކާރުން ކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގެ ސަބަބުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް "ހަލާކު" ވާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ރައްދު ދެއްވަމުން ފައްޔާޒު ވިދާޅުވީ، އޭނާ ފޮރުވަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަަމަށެވެ. އަދި ނޯތު ކޮރެއާ ހެން މި ތަނުގައި ބޭނުން ހާ ގޮތަކަށް ކަންކަން ނުކުރެވޭނެ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
ފައްޔާޒަށް ރައްދު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނު ނިކުމެ ހުންނެވީ ކޮރަޕްޝަން ހުއްޓެވުމަށް ކަމަށެވެ.
ރައީސް ނަޝީދަށް ރައްދު ދެއްވަމުން ފައްޔާޒު ވަނީ ރައީސް ނަޝީދު ދައްކަވާ ވާހަކަތައް އާންމުންނަށް ފެންނާނޭހެން ނުވަތަ އިވޭނޭ ހޭން ދެއްކުމަށް ދައުވަތު ދެއްވާފައެވެ. އެ ދައުވަތު ގަބޫލު ކުރައްވާ ރައީސް ނަޝީދު ވަނީ ދައުލަތުގެ މީޑިއާ މެދުވެރިކޮށް އެކަން ކުރުން ރަނގަޅު ނޫންތޯ ސުވާލު ކުރައްވާފައެވެ.
އަދި އެކަންކަމުގެ އިންތިޒާމު ހަމަޖެއްސެވުމަށް ރައީސް ނަޝީދު ވަނީ އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފަށް އަންގާފައެވެ. ބަހުސަށް ތައްޔާރަށް ހުންނެވި ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ ރައީސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން އަމަލު ކުރައްވާ ގޮތަށް (ބަހުސުގައި) އަމަލު ކުރައްވައިގެން ނުވާނެ ކަމަށެވެ.
ރައީސް ނަޝީދާއި ފައްޔާޒުގެ ކޯޅުމަކީ މި ސަރުކާރު ވުޖޫދަށް އައިއްސުރެ ހިނގަމުންދާ ކޯޅުމެކެވެ. މީގެ ކުރިން ފައްޔާޒު ވަނީ ރައީސް ނަޝީދަށް ނިސްބަތްކޮށް "އޯޓިޒަމް މީހެއް" ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ފައްޔާޒު މިނިސްޓަރުކަމުން ވަކިކުރުމަށް، ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އެމްޑީޕީ ޕީޖީ މެންބަރުންގެ ތެރޭގައި ޕެޓިޝަނެއްގައި ސޮއިކުރަން ވެސް ފެއްޓެވިއެވެ. ނަމަވެސް ރައީސް ޞާލިހު އަދި އެމްޑީޕީގެ ޕީޖީ މެންބަރުންގެ އެއްބާރުލުން އެކަމަކަށް ނުލިބުނެވެ.
ދުވަސް ގަނޑަކަށް ފަހު އަނެއްކާ ވެސް މި ވަނީ މި ދެ ބޭފުޅުންގެ ކޯޅުންތައް ފެށިފައެވެ.