ގަރލްސް ޓު ކޯޑް ތިނަދޫ ޕްރޮގްރާމް ނިންމާލައިފި
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން މި އަހަރުގެ 12 ޖެނުއަރީ އިން ފެށިގެން 15 މާރިޗާއި ހަމައަށް ކުރިއަށް ގެންދިޔަ ގަރލްސް ޓު ކޯޑް ތިނަދޫ ސީރީސްގެ ދެވަނަ ޕްރޮގްރާމް ނިންމުމުގެ ހަފްލާ ވާރޗުއަލްކޮށް ބާއްވައިފިއެވެ.
މި ހަފްލާގައި ޕްރޮގްރާމްގެ ބައިވެރިންނާއި އެކުދިންގެ ބެލެނިވެރިން އަދި ދިރާގުގެ އިސްވެރިންނާއި ވިމެން އިން ޓެކްގެ ފަރާތުން ވަނީ ބައިވެރިވެފައެވެ.
މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ހަފްލާގައި، ޕްރޮގްރާމް ފުރިހަމަ ކުރި ދަރިވަރުންނަށް ވަނީ ސެޓްފިކެޓް ހަވާލު ކޮށްފައެވެ. އަދި ކޯހުގެ ބައެއްގެ ގޮތުގައި ދަރިވަރުން ތައްޔާރު ކުރި ވެބްސައިޓްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ 3 ވެބްސައިޓް ވެސް ދައްކާލެވުނެވެ. މިއަހަރު ހިންގުނު މިޕްރޮގްރާމްގައި 14 އަހަރާއި 20 އަހަރުގެ އުމުރުފުރައިގެ ކޯޑިންގއަށް މުޅިން އައު، ޖުމްލަ 17 ދަރިވަރުން ވަނީ ގ.ދ ތިނަދޫ އިން ބައިވެރިވެފައެވެ.
ދެ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ދިޔަ ގާލްސް ޓު ކޯޑް ތިނަދޫ ޕްރޮގްރާމްގައި ބައިވެރިވެ ފުރިހަމަ ކުރި ކުދިންނަށް ދިރާގުގެ ފަރާތުން ޑައިރެކްޓަރ ކޯޕަރޭޓް ސަރވިސަސް އަލްފާޟިލާ އާތިފާ ޢަލީ މަރުހަބާ ވިދާޅުވިއެވެ. އަދި ޕްރޮގްރާމުގައި ދަސްވި ހުނަރުތަކާއެކު އެކުދިން މުސްތަގުބަލުގައި ކުރިއަށް ދާނެކަމަށް އުންމީދު ކުރާ ވާހަކަ ވެސް ވިދާޅުވިއެވެ. މީގެ އިތުރުން ދިރާގާއި ގުޅިގެން ވިމެން އިން ޓެކް މޯލްޑިވްސް އިން ޓެކް ދާއިރާގައި އަންހެން ކުދިންގެ ބައިވެރިވުން އިތުރު ކުރުމަށް ކުރާ މަސައްކަތް ފާހަގަކޮށް މަރުހަބާ ދެންނެވިއެވެ.
އަންހެން ކުދިންގެ އައިސީޓީ ހުނަރު އިތުރު ކުރުމަށް ހިންގި މިޕްރޮގްރާމްގެ ނަތީޖާ ވަރަށް ރަނގަޅަށް ހާސިލްވީ ކަމަށް ކޯހުގައި ކިޔަވައި ދެއްވި އާމިނަތު ފަރުޝާނާ ވިދާޅުވިއެވެ. އެކަން ދޭހަ ވަނީ ޕްރޮގްރާމްގެ ބައިވެރިން މިކަން ދަސް ކުރުމަށް ހުރި ޝައުގުވެރިކަމާއި ދަސް ކުރެވުނު މަޢުލޫމާތުގެ ބޭނުން ހިފައިގެން ތައްޔާރު ކުރެވުނު ވެބްސައިޓްތަކުގެ ފެންވަރުގެ ސަބަބުން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ. އަދި ޕްރޮގްރާމްގެ ބައިވެރިން މިކަން ދަސްކުރުމަށް ކުރި ހިތްވަރަށް ސާބަސް ދެއްވައި، މުސްތަގްބަލުގައި ވެސް މިކަމުން ކުރިއަށް ދިއުމުގެ ޝައުގުވެރިކަން ދަރިވަރުން ފާޅު ކޮށްފައިވާތީ އެކަމާ އުފާ ކުރާ ކަމަށް ވެސް ވިދާޅުވިއެވެ.
ޕްރޮގްރާމްގެ ޝަރަފުވެރި މެހެމާނު، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރިންސިޕަލް މުޙައްމަދު ޝިފާޒު، ޕްރޮގްރާމްގެ ބައިވެރިންނަށް ދެއްވި މެސެޖުގައި ވިދާޅުވީ މި ޕްރޮގްރާމުން ދަސް ކުރެވުނު ކޯޑިންގ ސްކިލްއަކީ ކުދިންގެ މުސްތަގްބަލުގައި ވަޒީފާއަކާ ހަމައަށް ދާއިރުގައި ވެސް ނުވަތަ އަމިއްލަ މަސައްކަތެއް ކުރި ނަމަވެސް ފައިދާހުރި އަދި ބޭނުން ހިފޭނެ ހުނަރެއް ކަމަށާއި ކޯޑިންނާއި ޓެކްނޮލޮޖީގެ ހުނަރަކީ ކުދިންގެ ވިސްނުން އިތުރަށް ތަރައްގީ ކުރުމަށް ލިބިދޭ ބާރެއް ކަމަށް ވިދާޅުވިއެވެ.
މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ ދާއިރާއަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަޤުސަދުގައި ހިންގި ޕްރޮގްރާމެކެވެ.