ކޮވިޑް-19: ރާއްޖެއިން މިއަދު ފައްސިވީ 103 މީހުން

ކޮވިޑް-19 އަށް ރާއްޖެއިން މިއަދު އިތުރު 103 މީހުން ފައްސި ވެއްޖެއެވެ. އަދި 144 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 58 މީހުންނާއި، އަތޮޅުތަކުން 24 މީހަކާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 21 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 24،651 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 21،512 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 67 މީހުން ނިޔާވެެފައިވެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 94 މީހުންނެވެ.
ނިމިދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑަށް ޓެސްޓުކުރަން ނަގައިފައިވަނީ 3،570 ސާމްޕަލެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ބާތިލުކޮށްފައިވާއިރު، ޕާކު ތަކާއި މައިޒާންތައް ވެސް އަލުން ހުޅުވައިފިއެވެ. މީގެއިތުރުން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މާލެސަރަޙައްދުގައި ބޭރުގައި އުޅުން މަނާކުރި ކާފިއު ވެސް އެޗްޕީއޭއިން މިހާރު ވަނީ އުވާލައިފައެވެ.