ދިވެހި ސިނަމާ

މަގުމަތިން އިންޒާރު ދިނުމަށްފަހު، ފިލްމީތަރި އާސިމްއަށް ގޭންގަކުން ހަމަލާދީފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގެ ފިލްމީތަރި އަހުމަދު އާސިމްއަށް ކުރިން މަގުމަތިން އިންޒާރު ދިނުމަށް ފަހު، ގޭންގަކުން ހަމަލާދީފިއެވެ.

Ads by MWSC

"ދެން" އަށް މައުލޫމާތު ދެމުން އާސިމް ބުނީ، އިއްޔެ ނޫން ކުރީ ދުވަހު "ކިންގްސް ކޯނަރ" ގައި އޭނާ އެކަނި ކާން އިންދާ، ދެ މީހަކު ގޮސް އޭނާގެ ކަންފަތްމަތީގައި ޖެހި ކަމަށެވެ.

"އަޅުގަނޑު އިނީ ކާން އެކަނި މައިއެކަނި. ގޭންގެއްގެ ދެ މީހަކު އައީ. އެތަނުން އެކަކު އަޅުގަނޑުގެ ކުރިމަތީގައި އިށީނދެފައި އެހީ ތިއީ ފިލްމުކުޅޭ އާސިމް ހެއްޔޭ. ކިހިނެއްތޯވީ ސުވާލު ކުރީމަ އެހީ ކޮބައި ހެއްޔޯ އަހަރެން އުޅޭ ގެ ހަދަން އުޅޭ ކޮންމެވެސް އިއްސޭއެއް. އަހަރެން ބުނިން އަހަންނަކަށް ނޭނގެއޭ އަހަރެން ކައިރީގައި ބުނެފައެއް ނޫނޭ ތިބުނާ މީހަކު ތަންތަނަށް ދަނީ. ބުނީމަ އޭނަ ރުޅިއައިސްގެން ތެދުވެ އަހަރެންގެ ކަންފަތްމަތީގައި ވަރަށް ބާރަށް ތިން ފަހަރަށް ޖެހީ" އާސިމް ބުންޏެވެ.

އާސިމް ބުނީ އެ މައްސަލަ މިހާރު ފުލުހުންނަށް ރިޕޯޓު ކޮށްފައިވާނެ ކަމަށާއި ކިންގްސް ކޯނަރގެ ސީސީޓީވީ ކެމެރާއަށް ވެސް އެ މީހާ އަރާފައި ހުންނާނެ ކަމަށެވެ.

މީގެ އިތުރުން އާސިމް ބުނީ އޭނާ މަގުމަތިން ދަނިކޮށް މީގެ ކުރިން ވެސް މީހަކު އިންޒާރު ދީފައިވާ ކަމަށާއި އެ މައްސަލަ ވެސް ފުލުހުންނަށް ރިޕޯޓު ކުރި ކަމަށެވެ. މިފަހަރު ދީފައިވާ ހަމަލާއާމެދު ތުހުމަތު ކުރެވެނީ މިއީ އިންޒާރު ދިން މީހާ ކުރުވި ކަމެއް ކަމަށް ވެސް އާސިމް ބުންޏެވެ.

ލިބުނު އަނިޔާގެ ސަބަބުން ކަންފަތުގެ އެތެރޭގައި ލޭގަނޑުވެފައިވާ ކަމަށް ޑޮކްޓަރުން ވިދާޅުވި ކަމަށް ވެސް އާސިމް ބުންޏެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!