އިންތިހާބުގައި ވޯޓުލުމުގެ ހައްޤު ހަނިވެދާނެ ކަންކަން ފާހަގަވެފައިވާތީ އެޗްއާރްސީއެމްގެ ކަންބޮޑުވުން

ކުރިއަށް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ކޮވިޑާ ގުޅިގެން ވޯޓުލުމުގެ ހައްޤު ހަނިވެގެން ހިނގައިދާނެ ކަންކަން ފާހަގަވެފައިވާތީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް ، އެޗްއާރްސީއެމުން ކަންބޮޑުވުންތައް ކަމާބެހޭ މުއައްސަސާތަކާ ހިއްސާކޮށްފިއެވެ.
އެޗްއާރްސީއެމްއިން މިރޭ ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބާ ގުޅޭ ގޮތުން އެޗްއާރުސީއެމުން އިލެކްޝަންސް ކޮމިޝަން އާއި ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އާ ބައްދަލުކޮށް އެ ކޮމިޝަންގެ ބައެއް ކަންބޮޑުވުންތައް ހިއްސާކޮށް، ލަފާދީފައިވާ ކަމަށެވެ.
މީގެ އިތުރުން ރާއްޖޭގައި އަދިވެސް ކޮވިޑް-19 ފެތުރެމުންދާތީ ވޯޓާ ގުޅިގެން ލިބިގެންވާ ހައްޤުތަކާއެކީ ފުރިހަމަ ސިއްހަތެއްގައި ހުރުމުގެ ހައްޤަކީ ވެސް މުހިންމު ހައްޤެއްކަން ކޮމިޝަނުން ފާހަގަކޮށްފައިވާ ކަމަށް ވެސް އެޗްއާރްސީއެމްއިން ވިދާޅުވިއެވެ.
”އިންތިޚާބު އޮންނަ ދުވަހު ރައްޔިތުންގެ ހައްޤުތައް ކަށަވަރުކުރުމަށް ކޮމިޝަނުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.” އެޗްއާރްސީއެމުން ވިދާޅުވިއެވެ.
އަދި އުސޫލުތަކާއި އެހެނިހެން އިންތިޒާމުތަކުގެ ތެރެއިން ވެސް މި ދެކަމަށް ރިޢާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރަމުން އަންނަ ކަމަށް ވެސް އެޗްއާރުސީއެމުން ވިދާޅުވިއެވެ.