ރިޕޯޓް

މަންމަގެ މޫނު ނުބެލުނުއިރު މުހިންމުވާންވީ ވޯޓުތަ؟ ކޮވިޑަކީ ޖޯކެއްތަ؟

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އަޅުގަނޑުގެ ވަރަށް ގާތް ރައްޓެއްސަކު އޭނާ މަންމަ ނިޔާވެގެން، އެ މަންމަގެ މޫނު އެންމެ ފަހު ފަހަރަށް ދެކިލުމަށް ރަށަށް ދިއުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވާން ފަށައިފިއެވެ. އެންމެ ފަހުން ރަށަށް ފުރަން ޓިކެޓު ނަގައި އެއަރޕޯޓުގައި މަޑުކޮށް، ޑިޕާޗާރއަށް އެންމެ 15 މިނެޓަށް ވެފައި ވަނިކޮށް ރަށު ކައުންސިލުން އޭނާއަށް އެންގީ 10 ދުވަހަށް ކަރަންޓީނު ނުވާ ގޮތަށް ރަށަށް ނުދެވޭނެ ކަމަށެވެ.

Ads by MWSC

މިއީ މީގެ ދެތިން ދުވަސް ކުރިން އަޅުގަނޑުގެ ރައްޓެއްސެއް އޭނާގެ މަންމަ ނިޔާވުމުން މަންމަގެ ޖަނާޒާ ކަންކަމުގައި އުޅެލާ އެ މަންމަގެ މޫނު ދެކިލުމަށް ރަށަށް ދާން އުޅުމުން ކަންތައް ހިނގާދިޔަ ގޮތުގެ ވާހަކައެވެ. މިއަދު ވޯޓަށް ވީމަ އުސޫލު ބަދަލު ވެއްޖެއެވެ. ސަރުކާރުގެ ރާގު ވެސް ބަދަލު ވެއްޖެއެވެ.  ވޯޓުލުމަށް ރަށަށް ގޮސް 48 ގަޑިއިރު ތެރޭގައި އަނބުރާ އާދެވޭ ގޮތަށް އެޗްޕީއޭއިން ކަނޑައަޅައިފިއެވެ.

ސުވާލަކީ ވޯޓުލާން ވީމަ 48 ގަޑިއިރަށް ރަށަށް ދެވޭ އިރު ބަނޑުއަޅައި ވިހޭ އަމިއްލަ މައިމީހާ ނިޔާވުމުން އެމައިމީހާގެ މޫނު ދެކިލުމަށް ރަށަށް ނުދެވުމަކީ އިންސާފުތޯއެވެ؟ ވޯޓަކީ މިއަހަރު ނުލެވުނަސް ނުވަތަ ރަށަށް ގޮސް 10 ދުވަހުގެ ކަރަންޓީނު ފުރިހަމަ ކުރުމަށް ފަހުގައި ވެސް ފުރުސަތު ދެވިއްޖެނަމަ ކުރެވިދާނެ ކަމެކެވެ. އެހެން ނަމަވެސް އަމިއްލަ މައިމީހާ ނިޔާވުމުން އެ މަންމަގެ މޫނު ދެކިލުމަށް 10 ދުވަސް އިތުރަށް މަޑު ކުރުމަކީ ވާނޭ ކަމެއް ނޫނެވެ.

ވޯޓަކީ ކޮންމެ ދިވެހި ރައްޔިތެއްގެ ހައްގެކެވެ. އެހެން ނަމަވެސް މައިމީހާ ނިޔާވުމުން، އެ މަންމަގެ ޖަނާޒާގައި ބައިވެރިވުމަކީ ކޮންމެ ދަރިއެއްގެ މައްޗަށް އޮތް ހައްގެކެވެ. ކޮންމެ ދަރިއެއް ވެސް ބޭނުންވާނޭ ކަމެކެވެ. އެ މައިމީހާ މި ފަނާވަނިވި ދުނިޔެއަށް އަލްވަދާއު ކިޔާއިރު، އެންމެ ފަހު ފަހަރަށް އެ މަންމަގެ މޫނު ދެކިލުމަށް ބޭނުން ނުވާނީ ފަހެ ކޮން ދަރިއެއް ހެއްޔެވެ؟

އިއްޔެ އަމިއްލަ މައިމީހާ ނިޔާވުމުން އެ މައިމީހާގެ މޫނު ދެކުލުމުގެ ފުރުސަތެއް ނުދެވުނެވެ. އެހެންކަމަށް ވާނަމަ މިއަދު ވޯޓުލާން 48 ގަޑިއިރު ބޭނުމެއް ނޫނެވެ. އިންސާފުވެރި ގޮތަކަށް ކަންކަން އިންތިޒާމު ނުކުރެވި މިއަދު މިވަނީ އަޅުގަނޑުމެން ނިކުމެ ކަންކަން އިންސާފުގެ މަގަށް އެޅުމަށް މަޖުބޫރުވެފައެވެ. ފަހެ އަމިއްލަ މައިމީހާގެ މޫނު ނުބެލުނު އިރު ވޯޓު މުހިންމުވާ ނަމަ، ކޮވިޑަކީ ފަހެ ޖޯކެއްތޯއެވެ؟

Ads by Allied Insurance
  1. އަނގަ

    ފިތުނަ އުފެދޭ ވާހަކަ ފަތުރައިގެން ނޫނީ ކައިގެން ބޮއެގެން ނޫޅެވޭނެދޯ