މާދަމާގެ ވޯޓް ލުން ފެށޭނީ ހެނދުނު 7 ޖަހާއިރު، ކަރަންޓީންގައި ތިބި މީހުން ވޯޓްލާން އެއް ގަޑިއިރު
މާދަމާ އޮންލަ ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓް ދޭން ފަށާ ގަޑިއަކީ ހެނދުނު 7 ޖަހާއިރު ކަމަށާއި ކޮވިޑް19 އާ ގުޅިގެން ކަރަންޓީނު ކޮށްފައި ނުވަތަ އެކަހެރި ކޮށްފައި ތިބި މީހުންނަށް މާދަމާ އޮންނަ އިންތިހާބުގައި ވޯޓުލާން އެއް ގަޑިިއިރު ދޭން އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.
މިއަދު އިލެކްޝަނުން ވިދާޅުވީ. މާދަމާގެ އިންތިހާބުގައި ވޯޓުލާން ފެށޭނީ ހެނދުނު 7:00 އިން ފެށިގެން ކަމަށެވެ. އަދި ކަރަންޓީނުގައި ތިބޭ މީހުން ވޯޓުލާން ހާއްސަކޮށްފައިވާ ގަޑިއަކީ، ހަވީރު 5:00 އިން އިރުއޮއްސި 6:00 އަކަށެވެ.
ވޯޓުލުމުގެ ކަންކަން މިފަހަރު ކުރިޔަށް ގެންދަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އަދި އީސީ ގުޅިގެން އެކުލަވާލާފައިވާ ގައިޑްލައިނެއްގެ ދަށުންކަން ފާހަގަ ކޮށްލެވެއެވެ. ކަރަންޓީނުގައި ތިބޭ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ވަގުތުގައި، އެޗްޕީއޭގެ އުސޫލާ އެއްގޮތަށް، ހާއްސަ ފިޔަވަޅުތަކަކާއެކު ވޯޓުލާން ދިއުމުގެ ހުއްދަ ދީފައިވެއެވެ.
އެ ފިޔަވަޅުތަކަކީ:
- އީސީން ކަނޑައަޅާ ގޮތެއްގެ މަތިން ވޯޓުލާ މަރުކަޒަށް ދިއުން
- ހުރިހާ ވަގުތެއްގައި މާސްކް އަޅައި، ތިން ފޫޓުގެ ގައިދުރުމިން ބެހެއްޓުން
- ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުން
- ޕަބްލިކް ޓްރާންސްޕޯޓު (ބަސް، ފެރީ، ޓެކްސީ) ބޭނުން ނުކުރުން
- ވޯޓުލާން ދިއުމާ އެނބުރި ގެއަށް އައުމާ ދެމެދު އިތުރު މީހުންނާ ބައްދަލު ނުކުރުން
- ވޯޓުލުމަށްފަހު، ކަރަންޓީނު ނުވަތަ އެކަހެރި ކުރެވިފައި ހުރި ތަނަށް ވަގުތުން އަނބުރާ ދިއުން
މިފަހަރުގެ އިންތިހާބުގައި 273،182 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ. ހަތަރު ސިޓީއެއްގެ އިތުރުން ހުރިހާ ރަށެއް އަދި އަތޮޅު ކައުންސިލްތަކަށް މެމްބަރުން އިންތިހާބު ކުރާއިރު ޖުމްލަ 3،934 ކެންޑިޑޭޓުން ވާދަކުރެއެވެ. އެގޮތުން 2،264 ކެންޑިޑޭޓަކު ލޯކަލް ކައުންސިލްތަކަށް ވާދަކުރާއިރު 1،670 ކެންޑިޑޭޓުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވާދަކުރެއެވެ.