އެމްޕީ ސިރާޖުގެ ރަށުން ފަސް ގޮނޑި ވެސް ޕީޕީއެމްއަށް
މިއަދު ކުރިއަށް ދިޔަ ލޯކަލް ކައުންސިލްގެ އިންތިޚާބުގައި ލ.ފޮނަދޫ ކައުންސިލްގެ ފަސް ގޮނޑި ވެސް އެމްޑީޕީއަށް ގެއްލިއްޖެއެވެ.
އެމްޕީ ސިރާޖުގެ ރަށް ފޮނަދޫގެ ފަސް ގޮނޑި ވެސް ކާމިޔާބު ކޮށްފައި ވަނީ އިދިކޮޅު ޕީޕީއެމްގެ ކެނޑިޑޭޓުންނެވެ. އެގޮތުން ކައުންސިލް ރައީސް ކަމުގެ ގޮނޑި އަހުމަދު ރިޔާޒު ކާމިޔާބު ކުރެއްވިއިރު ފިރިހެނުންގެ ދެ މަގާމު ކާމިޔާބު ކޮށްފައި ވަނީ މަމްދޫހާއި ޢަބުދުއްރައޫފެވެ. އަދި އަންހެން ދެ މަގާމު ކާމިޔާބު ކޮށްފައި ވަނީ އައިޝަތު އަޒީމާއާއި ވަރުދާ ހުސައިންއެވެ. ފޮނަދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ފަސް ގޮނޑި ވެސް ކާމިޔާބު ކޮށްފައި ވަނީ ޕީޕީއެމްގެ ކެނޑިޑޭޓުންނެވެ.
ފޮނަދޫ ކައުންސިލްގެ ރައީސްކަމުގެ މަގާމު ނޫން އެހެން ހުރިހައި މަގާމަކަށް ވެސް އެމްޑީޕީގެ ކެނޑިޑޭޓުން ވަނީ ވާދަ ކޮށްފައެވެ. ކައުންސިލް ރައީސްކަމަށް ރިޔާޒާ ވާދަ ކުރީ އަމިއްލަ ކެނޑިޑޭޓެއް ކަމަށްވާ ޙަސަން އަހުމަދެވެ. ރައީސް ކަމަށް ވާދަ ކުރެއްވި އެމްޑީޕީ ކެނޑިޑޭޓް ޙުސައިން ޝާރިފް ވަނީ ވޯޓް ލުމަށް މަދު ދުވަސް ކޮޅަކަށް ވެފައި ވަނިކޮށް ، ޙަސަން އަޙުމަދަށް ތާއީދު ކޮށްފައެވެ.
ޕީޕީއެމްގެ ސަޕޯޓް ބޮޑު ފޮނަދޫން ހޯދި މި ކާމިޔާބާއެކީ މާލެއާއި އެހެން ރަށް ރަށުން ވެސް ޕީޕީއެމުން ދަނީ ބޮޑެތި ކާމިޔާބު ތަކެއް ހޯދަމުންނެވެ.