ކޮވިޑް-19 އަށް ފައްސިވީ ކޮންބައެއްކަން އެނގޭނެ ލިސްޓެއް ނެތް، ފައްސިވި މީހުންނާއި ނުވާ މީހުން ވޯޓް ލަމުން ދަނީ އެއްކޮށް!

ކޮވިޑަށް ޕޮޒިޓިވް މީހުންނާއި ކަރަންޓީނުގައި ތިބި މީހުން ވޯޓުލާން އެއް ގަޑިއިރު ހަމަޖައްސާފައިވީ ނަމަވެސް އެ ވަގުތު ވޯޓުލާން ދަނީ ބައްޔަށް ފައްސިވެފައިވާ މީހުންކަން އެނގޭނެ ގޮތެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.
އޮންލައިން ނޫހެއް ކަމަށްވާ "އަދަދު" އަށް މަޢުލޫމާތު ދެމުން ހަބީބް ވިދާޅުވީ، ކޮވިޑް-19 އަށް ފައްސިވެފައިވާ މީހުންގ ލިސްޓެއް އެޗްޕީއޭއިން އިލެކްޝަނަށް ފޯރުކޮށްދީފައި ނުވާ ކަމަށެވެ.
"ކޮވިޑަށް ޕޮޒިޓިވް މީހުންނާއި ކަރަންޓީނުގައި ތިބި މީހުން ވޯޓުލާން އެއް ގަޑިއިރު ހަމަޖައްސާފައިވީ ނަމަވެސް އެ ވަގުތު ވޯޓުލާން ދަނީ ޕޮޒިޓިވް މީހުން ކަމެއް ސާފު ވާނެ އެއްވެސް ގޮތެއް ނެތް ކަމަށް. އެހެންކަމުން މާދަމާ ވިޔަސް އެ ފޮއްޓެއް ބަންދު ކުރެވޭނީ އެ ފޮއްޓަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ އެންމެން ވޯޓުލައި ނިމުމުން ކަމަށް." ހަބީބް ވިދާޅުވިއެވެ.
އީސީން ކުރިން ވެސް ބުނަމުން އައީ، ޕޮޒިޓިވް މީހުންނާއި ކަރަންޓީނުގައި ތިބި މީހުންގެ ވޯޓުލުމުގެ އިންތިޒާމްތައް ހަމަޖައްސަން އުނދަގޫތަކެއް އެބަހުރި ކަމަށާއި އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް ހުރަސް އެޅޭ ގޮތަށް އެ ކޮމިޝަނުން އަމަލު ނުކުރާނެ ކަމަށެވެ.