ވިލުފުށީގައި ވޯޓުލުން ނިމޭނީ މިރޭ 9:50ގައި

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ކޮޅުމަޑުލު ވިލިފުށީގައި ވޯޓުލުން ނިމޭނީ މިރޭ 21:50ގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
ވިލުފުށި ވޯޓުލާ ނިމުން ލަސްކޮށްފައި ވަނީ އެރަށުގައި ތިބި އިލެކްޝަންސް ކޮމިޝަނުގެ އޮފިޝަލުންނާއި އެ ނޫން ވެސް އެރަށުގައި ތިބި އާންމު ބައެއް ފަރާތްތައް ކަރަންޓީނުވާން ޖެހުމާއެކު ވޯޓުލާން ފެށުން ލަސްވުމާ ގުޅިގެންނެވެ.
ވިލުފުށީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން ވަނީ މާލެއާއި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި 15 މިނެޓް ފަހުން ވޯޓުލާން ފެށި ފޮށިތައް 18:15ގައި ބަންދުކުރަން ނިންމާފައެވެ. އީސީން ބުނީ އެ ގޮތަށް ހަމަޖެއްސީ ގިނަ ބަޔަކަށް ވޯޓުލުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
އީސީ އިން ގެޒެޓް ކޮށްފައިވާ ގޮތުގައި 33 ފޮއްޓެއްގެ ގަޑި ވަނީ 1815 އަށް އިތުުރު ކޮށްފައެވެ. އަދި 12 ފޮއްޓެއްގެ ވަގުތު 1830 އަށް އިތުރުކޮށް، ހަތަރު ފޮއްޓެއްގެ ވަގުތު 1845 އަށް ވަނީ އިތުރުކޮށްފައެވެ.