ނާކާމިޔާބީއަކީ ކާމިޔާބީއަށް ވާސިލުވާން އޮތް ރާސްތާ ކަމުގައި ދެކިގެން ކުރިއަށް ދާށެވެ.
ދިރިއުޅުމުގައި ދިމާވާނީ ތަފާތު އެކި ކަންކަމާއެވެ. ކުރަން ޖެހޭނީ އެކި ކަހަލަ ތަޖުރިބާއެވެ. ހިތްއެދޭ ކަންކަމާއި ހިތް ނޭދޭ ކަންކަން ވެސް ދިރިއުޅުމުގައި ވާނެއެވެ. އުފާވެރި ދުވަސްތަކާއި ހިތާމަވެރި ދުވަސްތައް ބައްދަލު ކުރާނެއެވެ. ކަރުނަ އާއި ހިނިތުންވުން ތަޖުރިބާ ކުރެވޭނެއެވެ. ކާމިޔާބީ އާއި ނާކާމިޔާބީ ވެސް އެނގި ދަސްވެގެން ދާނެއެވެ.
ނާކާމިޔާބީ އަކީ ކާމިޔާބީގެ ތަޅުދަނޑި ކަމުގައި ބުނެ އުޅޭ އަޑު އަހަމެވެ. އެއީ ހަމަ ހަގީގަތުގައި ވެސް ތެދު ވާހަަކައެކެވެ. ދުނިޔޭގެ އެންމެ "ޓޮޕް ލެވެލް" ވިޔަފާރިވެރިންނަށް ބަލާލާއިރު، ގިނަ މީހުންނަކީ "އެއްބުރުން" ކާމިޔާބު ވީ ބައެއް ނޫނެވެ. އެފަދަ މީހުންގެ ވާހަކަތައް ބަލާލުމުން އެމީހުން ކުރިމަތިލީ ކަޅު ދުވަސްތައް ވެސް ފެންނަން އެބަހުއްޓެވެ. ނަމަވެސް އެ ދުވަސްތަކުގައި ވެސް ހިތްވަރު އެލުވައިނުލާ އެމީހުން ކުރިއަށް ދިއުމުގެ ނަތީޖާ މިއަދު ފޮންޏެވެ.
ނާކާމިޔާބީގެ ހިތި ރަހަ އަކީ ހަގީގަތުގައި ވަރަށް ރަނގަޅު ރަހައެކެވެ. ސަބަބަކީ ނާކާމިޔާބީގެ ރަހަ އަރު ތެރޭގައި ޖެހުމުން، ކާމިޔާބީ ހޯދަން މަސައްކަތް ކުރަންވީ ގޮތް ބޮޑަށް އެނގިގެންދެއެވެ. އަދި ގިނައިން ނާކާމިޔާބު ވާނަމަ އެކަމެއް ކުރަން އޮންނަ ރަނގަޅު ގޮތް ދަސްވެ ބިރު ކެނޑިގެން ދެއެވެ. މުބާރާތްތަކުގައި ބައިވެރިވާ ކުދިންނަށް މިކަން އޮންނަނީ މިހެންކަން އެނގޭނެއެވެ. ނާކާމިޔާބު ވީ ނަމަވެސް ގިނަ މުބާރާތްތަކުގައި ބައިވެރިވުމަކީ ތަޖުރިބާ ލިބި ކުރިއަަށް ދިއުމުގައި އިތުރު ހިތްވަރެއް ލިއްބައިދޭ ކަމެކެވެ.
ނާކާމިޔާބު ވުމަކީ ހިތްވަރު އެލުވައިލައި “ގިވްއަޕް” ކުރަންވީ ސަބަބެއް ނޫނެވެ. ވެއްްޓިއްޖެ ނަމަ ތެދުވާށެވެ. ތެދުވެ އެއަށްވުރެ ބާރަށް ދުއްވައިގަންނާށެވެ.