ދީން

އިންސާނަކަށް ވީތީ ދޭން ޖެހޭ މަގާމާއި އިހްތިރާމް ދިނުމުގައި ތަފާތު ނުކުރުމަށް ހުކުރު ހުތުބާގައި ގޮވާލައިފި

ދެން އެމްވީ ، ދެން އޮންލައިން

އިންސާނަކަށް ވީތީ ދޭން ޖެހޭ މަގާމާއި އިހްތިރާމް ދިނުމުގައި ތަފާތު ނުކުރުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފިއެވެ.

Ads by Sosun Fihaara

މިއަދުގެ ހުތުބާގައި ބުނެފައި ވަނީ އިންސާނުންނަކީ އިންސާނީ ވަންތަކަމުގައި އެއް މަގާމަކާއި އެއް ހައިސިއްޔަތެއް ލިބިގެންވާ އެއް ދަރަޖައެއްގެ ބައެއް ކަމަށެވެ. އަދި އިންސާނާ އުފެދުމުގެ އަސްލާއި އިންސާނި ވަންތަކަމުގެ ސިފަތަކާއި، އިންސާނީ އިހްސާސްތަކަށް ބަލާއިރު އިންސާނިއްޔަތު ކަމުގެ ތިލަފަތަކީ ހަމަހަމަ ތިލަފަތެއް ކަމަށް ހުތުބާގައި ވަނީ ބުނެފައެވެ.

"އިންސާނަކަށް ވީތީ ދޭން ޖެހޭ މަގާމާއި، އިހްތިރާމާއި، ރަހްމާއި، ހަމްދުރުދީއާއި، އަޅައިލުމާއި، އެހީތެރިކަން ދިނުމުގައި ތަފާތުކުރުމެއް ނުވެއެވެ. ގައުމާއި، ނަސްލާއި، ގަބީލާއާއި، އާއިލާ އަކީ އިންސާނިއްޔަތުގެ ތިލަފަތުގެ ކުރިމަތީގައި އެއްވެއް އަގެއް ބުރަދަނެއް ހުރި އެއްޗެއް ނޫނެވެ. މީސްތަކުންގެ ކުލައާއި، ބުރުސޫރައާއި، ޖިންސާއި، އުމުރަކީ އެމީހުންގެ މެދުގައި ތަފާތު ކުރެވޭނެ އަސާސެއް ނޫނެވެ. އާރާއި ބާރާއި. މަގާމާއި ނުފޫޒާއި މާލާއި ޖާހަކީ އިންސާނީ ހަމަހަމަކަމާއި އިންސާފަށް ލޮޅުމެއް ގެނެވޭނެ ކަމެއް ނޫނެވެ." ހުތުބާގައި ބުނެފައިވެއެވެ.

އިންސާނާގެ އެންމެ މުހިންމު އަސާސީ ދެ ހައްގެއްވާ ކަމަށާއި އެއީ ދިރިހުރުމުގެ ހައްގާއި މިލްކުވެރިކަމުގެ ހައްގުތ ކަމަށެވެ. އިންސާނީ ހައްގުތަކަށް އަޑު ނަގައި ގޮވަމުންދާ މީހުންގެ މާކުރިން، މިގެ ސީދާ ސާދަ ސަތޭކަ އަހަރު ކުރިން މާތް ނަބިއްޔާ ވަނީ މުޅި ދުނިޔެއަށް މިކަން އިއުލާން ކުރައްވާފައި ކަމަށެވެ. އިސްލާމް ދީނުގެ މި ދެ ހައްގު ކަށަވަރު ކޮށްދީފައި މިވަނީ ހަމައެކަނި މުސްލިމުންނަކަށް ނޫން ކަމަށާއި ކޮންމެ އިންސާނަކަށް ވެސް މި ދެ ހައްގު ކަށަވަރުކޮށްދީފައި ވާ ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

"އެކަމަކު މިއަދު އެ މީހުންގެ އަމިއްލަ ވަތަނުގައި ދިރި އުޅުމުގެ ހައްގުން މަހްރޫމްވެފައިވާ ފަލަސްތީނުގެ ކިތައް މިލިޔަން މީހުން އެބަތިބިތޯ؟ އަމާންކަމާ އެކު އަމިލއް ބިމުގައި އުޅެވެން ނެތިގެން، ރަށް ދޫކޮށް ކިތައް ހާސް މީހުން މެޑިޓެރޭނިޔަން ކަނޑު ހުރަސްކޮށް މާޔޫސް ދަތުރުތައް ކުރަމުން އެބަ ދޭތޯއެވެ.؟" " ހުތުބާގައި ބުނެފައިވެއެވެ.

މާތް ނަބިއްޔާގެ އިރުޝާދުން ހޭލުންތެރިކަން ލިބިގަނެ، އަހަރެމެންގެ ނަފްސުތަކާއި އެހެން މީހުންގެ ނަފްސުތައް ރައްކާތެރި ކުރުމަށް ތެދުވުމަށް މިއަދުގެ ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި އަހަރެމެންގެ ފުށުން އެއްވެސް މީހަކަށް ގޯނާއެއް ގެއްލުމެއް ނުދީ މުޖްތަމައާއި ވަތަނުގެ ހިމާޔަތުގައި އަތާއި އަތް ގުޅާލުމަށް ވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.

ހައްދުތަކެއްކަން ކަނޑައަޅުއްވާފައިވަކަން ދެނެގަނެ، އެ ހައްދުތަކަށް އަރައި ނުގަތުމަށާއި ފަރްޟު ކުރައްވާފައިވާ ކަންތައްތަކެއް ވާކަން ދެނެގަނެ، އެ ފަރުޟުތައް ފުރިހަމައަށް އަދާ ކުރުމަށް ހުތުބާގައި ވަނީ ގޮވާލާފައެވެ. އަދި އެކަލާނގެ މުންކަރާތްތަކެއް ނަހީ ކުރައްވާފައިވާ ކަން ދެނެގަނެ އެ މުންކަރާތްތަކާ ކައިރިނުވުމަށް ވެސް ހުތުބާގައި ވަނީ ގޮވާލާފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!