ވެންޓިލޭޓަރު މައްސަލައިގެ ހައްލަކީ ފިނޭންސް މިނިސްޓަރުގެ ނޯ ކޮންފިޑެންސް މައްސަލައެއް ވެއްދުން: މުސްތަފާ
ވެންޓިލޭޓަރު މައްސަލައިގެ ހައްލަކީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރްގެ ނޯ ކޮންފިޑެންސް މައްސަލައެއް މަޖިލީހަށް ވެއްދުން ކަމަށް ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ގެނައި ވެންޓިލޭޓަރުތައް ގެނައުމުގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ވަނީ ބުނެފައެވެ. ނަމަވެސް އެ މައްސަލަ އެ ކޮމިޝަނުން ދެ ފަހަރަށް ހުށަހެޅުމުން ވެސް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ އެ މައްސަލަ ނުބެލޭނެކަމަށް ބުނެ މައްސަލަ ބޭރުކޮށްލާފައެވެ. ކޮރަޕްޝަންގެ ބޮޑު ތުހުމަތެއް އުފުލިފައިވާ މި މައްސަލަ ނުބެލި ހުރުމުން ގިނަ ބަޔަކު ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އެމްޑީޕީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވެސް މި މައްސަލައާ ގުޅޭގޮތުން ވަނީ ވާހަކަ ދައްކަވައިފައެވެ. އެގޮތުން ރައީސް ނަޝީދު ވިދާޅުވީ ވެންޓިލޭޓަރު މައްސަލަ ނެތްނަމަ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙާ އެމަނިކުފާނާ ދެމެދު އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ.
"ވެންޓިލޭޓަރ ކަންތައް މައްސަލައަކަށްވީ މިނިސްޓަރ އަމީރު ދުބާއި ކުންފުންޏަށް 90% ފައިސާ ކުރިއަށް ދިނީމަ" ރައީސް ނަޝީދުގެ މި ވާހަކަފުޅާ ގުޅިގެން މުސްތަފާ ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.
މުސްތަފާ ވިދާޅުވީ ރައީސް ނަޝީދުއާ ރައީސް ޞާލިޙްގެ މައްސަލައަކީ ވެންޓިލޭޓަރު ކަންތައް ކަމުގައިވާނަމަ އެކަމުގެ ހައްލަކީ މިނިސްޓަރ އަމީރުގެ ނޯ ކޮންފިޑެންސް މައްސަލަ މަޖިލިހަށް ވެއްދުން ކަމަށެވެ.