އަންނަ މަހު ދުވާލަކު 200 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިދާނެ: އަމީން
އަންނަ އޯގަސްޓު މަހު ދުވާލަކު 200 އަށް ވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިދާނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުން މިނިސްޓަރު އަމީން ވިދާޅުވީ އޯގަސްޓު މަހަކީ އަޅުގަނޑުމެންނަށް އުނދަގޫ މަހަކަށް ވެގެންދާނެ ކަމަށާއި އެގޮތުން ދުވާހަލު 200 އަށް ވުރެ ގިން ކޭސް ފެނިގެން ހިނގައިދާނެކަމުގެ އިންޒާރު ހާލަތު ދިރާސާ ކުރައްވާ ފަރާތްތަކުން ދެއްވާފައިވާ ކަމަށެވެ.
މިނިސްޓަރު އަމީން ވިދާޅުވީ ވިސްނުމަކީ ނުވަަތަ ސިޔާސަތަކީ، ފުރަބަންދަށް ދިއުމެއް ނޫން ކަމަށާއި ނަމަވެސް ހާލަތު ގޯސްވަމުންދާކަމުގައި ވާނަމަ ފިޔަވަޅުތައް އަޅަންޖެހޭނެ ކަމަށެވެ.
"ހުރިހާ ޤައުމެއްގައިވެސް އަޅަނީ އެއް ފިޔަވަޅުތަކެއް. މިބަލި ފެތުރުމުގެ ނިސްބަތް ބިނާވެގެން ދަނީ މި އުސޫލުތަކަށް ތަބާވާ މިންވަރަށް، މި ކަންކަމަށް ތަބާވާ ކަމަށް ވާނަމަ ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ" މިނިސްޓަރ އަމީން ވިދާޅުވިއެވެ.
ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޝީނާ މޫސާ ޢާއްމުކުރެއްވި އަންދާޒާތަކުގައި ޖުމްލަ 13784 މީހަކަށް ބަލިޖެހޭނެކަމަށް ވަނީ ލަފާ ކޮށްފައެވެ.
އަދި ޑރ. ޝިނާ ހާމަކުރެއްވި އަންދާޒާތަކުން ދައްކާގޮތުގައި އެންމެ ގިނަ ބަޔަކަށް ބަލި ޖެހޭނެކަމަށް ލަފާކުރެވެނީ މިފެށޭ އޯގަސްޓް މަހުގައެވެ. އެމަހު ދުވާލެއްގެ މައްޗަށް 170 މީހުންނަށް ބަލިޖެހޭނެކަމަށް ދައްކައެވެ. އޯގަސްޓަމަހު އެކަނިވެސް ބަލިޖެހޭ މީހުންގެ ޢަދަދު 2373 އަށް އަރާނެކަމަށް ޑރ. ޝީނާ ވަނީ ލަފާކުރައްވާފައެވެ.