ވާހަކަ

ބޭނުންވޭ ވުމަށް ގާތުގައި... (ފުރަތަމަ ބައި)

ޒާނާ ، ދެން އޮންލައިން

އުދަރެހުގައިވާ ސާފު ހުދު ވިލާތައް ކަޅު ކުލައިން ފެވިގެން ދިޔައީ މަދު ސިކުންތުކޮޅެއްގެ ތެރޭގައެވެ. އެސްފިޔަ ޖަހާލާހާ އަވަހަށް ވިއްސާރަ ވެސް އޮއްސާލައިފިއެވެ.

Ads by Sosun Fihaara

"އޯ ޝިޓް. ވިއްސާރަ އޮއްސާލީތަ؟" އޮފީހުގެ މަސައްކަތްތަކުގައި ގެއްލިފައި އިން , ދާއިންގެ ކަންފަތުގައި ވާރޭވެހިގަތް އަޑު ޖެހުމާއެކު ކުއްލިއަކަށް އިންތަނުން ތެދުވެވުނެވެ. ދާއިންގެ މޫނުމަތިން ފެންނަމުން ދިޔައީ ހާސްކަމާއި ނުތަނަވަސްކަމެވެ.

"ތަނަކަށް ދާން ޕްލޭން ކޮށްގެންތަ ތިއުޅެނީ." ދާއިންގެ ފުސްވެފައިވާ މޫނު ފެނިފައި މުނާއަށް އަހާލެވުނެވެ. މުނާއަކީ ދާއިން އާއި އެކީގައި އޮފީހުގައި މަސައްކަތްކުރާ މީހެކެވެ.

ދާއިން އެއްވެސް ޖަވާބެއް ނުދީ އަވަސް އަވަހަށް މޭޒުމަތީގައި ހުރި ފައިލްތަކާއި ކަރުދާސްތައް އެއްކޮށް އެއްފަރާތެއްގައި ބަހައްޓާލިއެވެ. އޭނަގެ ސިކުނޑިތެރޭގައި ކޮންމެވެސް ކަންތައްގަނޑެއް އެނބުރޭކަން އެ ވަގުތު ދާއިންގެ މޫނާއި އޭނަގެ ހަރަކާތްތައް ފެނުނު ކޮންމެ މީހަކަށްވެސް ޔަގީންވާނެއެވެ.

"ދާއިންގެ ފޯނު." މުނާގެ އަޑަށް އޮފީހުން ނިކުންނަން ހިނގަ ހިނގާހުރި ދާއިން ފަސްއެނބުރިލިއެވެ. އަދި ބާރު ހިނގުމެއްގައި އައިސް މޭޒުމަތީގައި އޮތް ފޯނު ޖަހައިގަތެވެ.

"ވަރަށް ބޯކޮށް ވާރޭވެހޭނު އެބަ." އަނެއްކާވެސް މުނާއަށް މަޑުން ނުހުރެވިގެން ބުނެލިއެވެ.

ނަމަވެސް ދާއިންގެ ފިޔަވަޅުތަކަށް ހުއްޓުމެއް ނާދެއެވެ. އަދި އެއްވެސް ޖަވާބެއްވެސް ދާއިންގެ އަނގައިން ނުނިކުތެވެ.

އޮފީހުން ބޭރަށް ނިކުންނަމުން ދާއިން އޭނަގެ ފޯނު ޖީބަށް ކޮށްޕާލިއެވެ. އަދި ސައިކަލްއަށް އަރާ ދުއްވާލިއެވެ. ވެހެމުން ދިޔަ ބޯވާރެއަކަށް ވެސް އެއްވެސް ފަރުވާލެއް ވެސް ނެތް ކަހަލައެވެ. ނޫނީ ދާއިންގެ މަޖުބޫރީ ހާލަތުން އޭނާއަށް އިތުރުގޮތެއް ނެތީއެވެ. އެހެން ނޫންނަމަ ދާއިން އެ ބޯވާރެޔާއި އެ ގަދަ ވަޔާ ހަނގުރާމައެއް ނުކުރީސްކަން ކަށަވަރެވެ.

...............

"އާދެވިއްޖެ ދޯ. ކީއްވެތަ ގުޅީމަ ފޯނު ނުނަގަނީ." ތެމިފޯވެގެން ގޮސް ތުރުތުރު އަޅާ ހުރި ދާއިންއަށް ގޭގެ ދޮރު ހުޅުވާލާފައި ވަނުމާއެކު ފުރަތަމަ ވެސް ދާއިންއަށް މަރުޙަބާ ކިޔާލީ އޭނަގެ އަންހެނުން ޒުހާގެ ހަރުކަށި ބަސްތަކެވެ. ދާއިންއަށް ހުރެވުނީއެވެ. ބަސް ހުއްޓިފައެވެ. ބުނާނެ އެއްވެސް އެއްޗެއް ސިކުނޑިއަށް ވެސް ނައީއެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ؟ ދާއިން ވިއްސާރައިގައި ތެމިފޯވެގެން އަންނައިރު ފޯނަށް ޖަވާބު ދޭނީ ކިހިނެއް ހެއްޔެވެ؟ އެވަރު ޒުހާއަށް ހަމަ ނުވިސްނެނީބާއެވެ.

"ހޫމް. ދެން ވެސް ތިތާގަ ހުންނާނީއެއް ނޫން. މުޅި ގޭތެރެ ތެމި ފޯވާނީ. މިރޭ ޕާޓީއަށް ދާންވާ އިރަށް ކޮންމެހެންވެސް ޝޮޕިންއަށް ދާން ޖެހޭ އެބަ. ޓެކްސީއެއްގަ ނަމަވެސް. ދޭ ޗޭންޖް ކޮށްގެން އާދޭ. " ދާއިންއާ ދިމާއަށް ދެލޯ އަޅާލަމުން ޒުހާ ރިމޯޓް ނަގާ ޓީވީ ހުޅުވާލަމުން ސޯފާގައި ހަށިގަނޑު ދަމާލިއެވެ.

ދާއިން އިސްޖަހާލަމުން ހިނގައިގަތީ ކޮޓަރިއާ ދިމާއަށެވެ. ފެން ކަޅިވެފައިވާ އޭނަގެ ދެލޮލުން ފެންނަމުންދާ ވޭން އިޙްސާސް ކުރާނެ ހަމައެކަކު ވެސް ނެތެވެ. ހެނދުނުއްސުރެ އޮފީހުގައި އުޅެފައި އައުމުން ކާން ހަދާލަންތޯ ވެސް ޒުހާ އަހައިނުލިއެވެ. ފިރިމީހާއަށް ކުރަން ޖެހޭ އިޙްތިރާމް ވެސް ޒުހާ ދާއިންއަށް ނުކުރެއެވެ. ހިތުގައިވާ ޝަކުވާތައް ދާއިންގެ ދުލާ ހަމައަކަށް ނުފޯރިއެވެ. ކީއްވެ ހެއްޔެވެ؟ ދާއިންއަށް ޒުހާގެ މައްޗަށް ބަސް ނުބުނެވެންވީ ކީއްވެ ހެއްޔެވެ؟ އެހާ ހަޑިކޮށް ޒުހާ ދާއިންއާ ވާހަކަދައްކާއިރު އެކަން ނުހުއްޓުވާ ދާއިން އެހުރީ ކީއްވެ ހެއްޔެވެ؟ ރުޅި އަންނަން ދާއިން ފަސް ޖެހެނީ ކީއްވެ ހެއްޔެވެ؟ ކުށްވެރިއެއް ފަދައިން އިސްޖަހާލަން ދާއިންއަށް މަޖުބޫރު ވަނީ ކީއްވެ ހެއްޔެވެ؟ ހުރިހާ ސުވާލުތަކެއްގެ ޖަވާބު ވަނީ ދާއިންގެ ހިތުގައެވެ. އެހިތުގެ އެންމެ ފުނުގައެވެ. ދާއިން ޒުހާ އޭނަގެ ހަޔާތަށް ގެނައީ ވަރަށް ލޯބިންނެވެ. ޒުހާއަކީ އޭނަގެ ހަޔާތުގެ މަލިކާއެވެ. ހިތުގެ ފިނިކަމެވެ. އެހާވެސް ދާއިން ޒުހާ ދެކެ ލޯބިވެއެވެ. ކައިވެންޏަށް އަދި އަހަރު ނުވެއެވެ. ނަމަވެސް ދެމީހުންގެ ހަޔާތަށް މި ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. ކުރީގެ ލޯތްބެއް ނެތެވެ. އެކަކު އަނެކަކާ ހީސަމާސާ ކުރުމެއް ނެތެވެ. އެ ދިރިއުޅުމުގައި އެއްވެސް އުފާވެރިކަމެއް ނެތެވެ. ކައިވެނިކޮށްގެން އުޅޭތީ އުޅެނީއެވެ.

އެ ބޯވާރޭގައި ވެސް ދާއިން ޒުހާ ގޮވައިގެން އެކިއެކި ފިހާރަތަކަށް ދުއްވިއެވެ. ވިއްސާރަކަމުން ޓެކްސީއެއް ނުލިބުމުން ވެސް ޒުހާ ބޭނުންވީ ހަމަ ޝޮޕިންކުރަން ފިހާރަތަކަށް ދާށެވެ. ޒުހާ ކުޑަ ނަގައިގެން ދާއިންގެ ސައިކަލް ފަހަތުގައި އިން ނަމަވެސް ދާއިން ދުއްވީ ހަމަ ތެމިފޯވެގެންނެވެ. ހީކަރުވައިގެން ގޮސް ދާއިން ތުރުތުރުއަޅައެވެ. ނަމަވެސް ދާއިން ދެ ގަޑިއިރު ވަންދެން އެފިނީގައި އެނބުރުނެވެ.

"މަޑުކުރޭ. އަހަރެން ފެންވަރާލަންދެން." ގެޔަށް އައި ގޮތަށް ޒުހާ ދާއިންއަށް އަމުރު ކޮށްލިއެވެ. ތެމިފޯވެފައި ހީކަރުވާ ހާލުގައި ހުރީ ދާއިންއެވެ. ޒުހާ ތެމުނީ ކުޑަކޮށެވެ. ނަމަވެސް ޒުހާ އެންގީ ދާއިންއަށް ގޭތެރެއަށް ނުވަދެ ހުރުމަށެވެ.

ޒުހާ ގޭތެރެއަށް ވަނުމާއެކު ދާއިން މަޑު ހިނގުމެއްގައި ގޮސް ގޯތިތެރޭގައި ހުރި ކުޑައެއްގެ ދޮށުގައި މަޑުކޮށްލިއެވެ. އަދި ވަށައިގެން ނަޒަރު ހިންގާލިއެވެ. އިރުއޮއްސުނު ވަގުތު ކަމުގައިވިޔަސް އުދަރެހުގައިވާ ކަޅު ވިލާތަކުގެ ސަބަބުން މުޅި ދުނިޔެއަށް ވަނީ ރޭގަނޑުގެ އަނދިރިކަން ވެރިވެފައެވެ. އެ ރީތި ބަގީޗާގައި ވެސް އެވަގުތު ރަސްކަން ކުރަމުން ދަނީ ކަޅު އަނދިރިކަމެވެ. ދާއިންގެ ހަޔާތް ވެސް ހަމަ އެފަދައެވެ.

"އޭތް. ތައްޔާރުވާން ދޭބަލަ. އަވަސްކުރާތި." ދޮރު ހުޅުވުނު އަޑަށާއި ޒުހާގެ އަޑަށް ދާއިންއަށް ބަލާލެވުނީ ސިހިފައެވެ. އޭރު ތެތް އިސްތަށިގަނޑުގައި ތުވާލި އޮޅާލައިގެން ޒުހާ ހުއްޓެވެ. ދާއިން ބަލާލުމާއެކު އަނގަޔަށް ވައްތަރެއް ޖައްސާލަމުން ޒުހާ އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. ބަސްއަހާ ކުޑަ ކުއްޖެއް ފަދައިން ދާއިން ހިނގައިގަތެވެ.

ދާއިން ފާހާނާއިން ނިކުތްއިރު ޒުހާ ތައްޔާރު ވަނީއެވެ. ދާއިންއަށް ހުރެވުނީއެވެ. ގަނޑުވެފައި ހުރި ބުދެއްހެންނެވެ. ޒުހާގެ ފަންފަން ދިގު އިސްތަށިގަނޑު އޮތީ އެއްވެސް ހިފެހެއްޓުމެއް ނެތި ދޫކޮށްލާފައެވެ. ލައިގެން ހުރި ކުރު ޕެޕްލަމް ހެދުން ހުރީ ގައިގެ ބައްޓަމަށެވެ. ޒުހާގެ ހިމަ އުނަގަނޑާއި ރީތި ބައްޓަން ހުރީ ދިމާލަށް ފެންނާށެވެ. ކޮށްފައި ހުރި މޭކަޕް ވެސް އެހާ ފުރިހަމަވެފައި ޒުހާއާ ގުޅެއެވެ.

"ކަލޭ ހީކުރީ މަ މީ އުޝާ ކަމަށްތަ؟ އޭނަގެ ސިފައިގައި ދޯ ، މިހާރު މަ ވެސް ފެންނަނީ؟" ޒުހާ ،ދާއިންއާ ދިމާއަށް އެނބުރިލަމުން އޭނައާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ޒުހާގެ ތުންފަތުގައި ކުޅެލީ މަލާމާތުގެ ހިނިތުންވުމެކެވެ.

ދާއިން އަވަސް އަވަހަށް ތުވާލިން ބޯހިއްކަމުން ހިނގައިގަތެވެ. އަނެއްކާވެސް ދާއިންގެ ސިކުނޑި ހަލަބޮލި ވެއްޖެއެވެ. އުޝާއަކީ ކާކުކަން އެނގެން ޚުދު ދާއިން ވެސް ބޭނުމެވެ. ދާއިން ވެސް އޭނާއާ އެތައް ސުވާލެއް ކުރަން ބޭނުމެވެ.

"އަވަސް ކުރީމަ ގަޑިއަށް ދެވޭނީ. ދާއިންއަށް މީހަކަށް ނުވިޔަސް މިރެޔަކީ މަގޭ ހުރި ހަމައެކަނި ކޮއްކޮގެ ކައިވެނި ކުރެވޭ ރޭ. އަވަސް ކުރޭ ދެން ވެސް." ނިއްކުރިމައްޗަށް ވެއްޓިފައި އޮތް އިސްތަށިކޮޅު އަތުން ރީތިކޮށްލަމުން ފޫހި ރާގެއްގައި ޒުހާ ބުނެލިއެވެ.

މާބަލް ހޮޓެލްގެ އެހިތްގައިމު މާހައުލު ވަނީ މިރޭ އަލަތު ކައިވެނިކުރާ ދެމީހުންނަށް ޓަކައި ގަނޑުވަރެއް ފަދައިން ޒީނަތްތެރިކޮށްފައެވެ. ތަފާތު އެކިކުލައިގެ މާތަކުގެ ހާރުތައް އެކިދިމާއިން ފެންނަން ހުރިއިރު އެމާތަކުގެ މީރުވަހުން ވެސް ބަނޑުފުރޭހާވެއެވެ. ހޮޓެލް ވަނީ ފުރިބާރުވެފައެވެ. އެންމެންގެ މޫނުމަތިން ވެސް ފެންނަމުންދަނީ އުފާވެރިކަމެވެ. ނަމަވެސް މޮޅީގެ ސާލެއް ގައިގައި އޮޅާލައިގެން އިނީ އެންމެ މީހެކެވެ. އެމީހަކީ ދާއިންއެވެ.

މީހުންނާ ތަންކޮޅެއް ދުރުގައި ހުރި މޭޒެއްގައި ދާއިން އިނީ އެކަންޏެވެ. ދާއިންގެ ނަޒަރު ސީދާވެފައި ވަނީ ރައްޓެހިންނާއެކީ އެކިގޮތްގޮތަށް ފޮޓޯނަގަން ހުރި އޭނަގެ ލޯބިވާ އަންހެނުން ޒުހާއަށެވެ.

ކުއްލިއަކަށް ދާއިން ސިހުނީ ކޮނޑުމަތީގައި މީހަކު އަތް ބާއްވާލުމުންނެވެ. ތެޅިގެންފައި ގޮނޑިން ތެދުވެ ދާއިން ފަސްއެނބުރި ބަލާލިއެވެ.

(ނުނިމޭ)

Ads by Allied Insurance
  1. ޝަމްބެ

    ދެންް އޮންލައިނުންް ގެނެސްދޭޭ ފުރަތަމަަ ސިލްސިލާާ ވާހަކައިގެެ ފެށުންް ވަރަށްް ދެންް އޮތްް ބަޔަށްް އިންތިޒާރުު ކުރެވެޭ ވަރަށްް ވާހަކައިގެއާ ޕާޓްް ކޮންް އިރަކުންް އަޕްް ކުރަނީި.. ވަރަށްް އިންތިޒާރުު އަނެއްް ބަޔައްް.