ދީން

އިޤްތިޞާދަށްވުރެ ރައްޔިތުންގެ ފުރާނަ މުހިންމު ކަމަށްބުނެ މަހަރާޝްތްރައިގައި ފިޔަވަޅުތައް ހަރުކަށިކޮށްފި

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
މަހަރަޝްތްރައަކީ އިންޑިއާގެ މުމްބާއީގެ އެންމެ ބޮޑު ސިޓީ

އިންޑިއާގައި ކޮވިޑް-19 އާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމާ ގުޅިގެން އެޤައުމުގައި ކޮވިޑް-19 ހަލުވި ކަމާއެކު ފެތުރި، ގިނަ ބަޔަކު މަރުވެފައި ވާތީ، އަނެއްކާވެސް ފިޔަވަޅުތައް ހަރުކަށި ކޮށްފިއެވެ.

Ads by STELCO

އިންޑިއާގެ މަހަރާޝްތްރައިގެ ޗީފް މިނިސްޓްރ އުދާވް ތަޗްކެރޭ ވިދާޅުވީ ކުރިއަށް އޮތް 15 ދުވަހު މަހާރާޝްތުރައިގައި ދެމުން ގެންދާނީ ކޮންމެހެން ދޭން ޖެހޭ ހިދުމަތްތައް ކަމަށާއި ކޮންމެހެން ހުޅުވަން ނުޖެހޭ ފިހާރަތަކާއި ރެސްޓޯރެންޓް ފަދަ ތަންތަން ހުޅުވުމުގެ ހުއްދަ ނުދޭން ނިންމާފައިވާ ކަމަށެވެ. މީގެ އިތުރުން ކޮންމެހެން ބޭނުންވެގެން ނޫނީ، ވަކި ހުއްދައަކާ ނުލާ ދަތުރު ނުކުރެވޭ ގޮތަށް ވަނީ ނިންމާފައެވެ. އަދި 4 މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން ވެސް އެ ސިޓީގައި ވަނީ މަނާ ކޮށްފައެވެ.

ޗީފް މިނިސްޓަރ ވިދާޅުވީ މިފަދަ ފިޔަވަޅުތަކެއް އަޅައިފައި ވަނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކަމަށާއި މިކަމުގެ ސަބަބުން އިޤްތިޞާދަށް ގެއްލުން ލިބޭނެކަން އެނގޭ ކަމަށެވެ.

"އަޅުގަނޑުމެންނާ މިއޮތީ އަނެއްކާވެސް ހަނގުރާމައަކާ ކުރިމަތިލާން ޖެހިފައި. އިޤްތިޞާދަށްވުރެ ރައްޔިތުން މާ މުހިންމު. އިޤްތިޞާދު ދެމި އޮންނާނީ، ރައްޔިތުން ތިބެގެން" ފިޔަވަޅުތައް ހަރުކަށި ކުރަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރ ވިދާޅުވިއެވެ.

މަހަރާޝްތްރައިގެ ހޮސްޕިޓަލްތަކުން މިހާރު އޮކްސިޖަން ވެސް ހުސްވަމުން ދާތީ އެ ސްޓޭޓުން ވަނީ ސިފައިންގެ އެހީތެރިކަމަށް އެދިފައެވެ.

އިންޑީއާގައި ކޮވިޑް-19 ވެކްސިން ޖެހުމުގެ ޕްރޮގްރާމް ހަލުވިކަމާއެކު ކުރިޔަށް ގެންދިޔަ ނަމަވެސް، އެޤައުމުގައި ކޮވިޑް-19 ޖެހޭ މީހުންގެ އަދަދު އިންތިހާއަށް ވަނީ އިތުރުވެފައެވެ. މިދިޔަ ހޯމަ ދުވަހު އެކަނި ވެސް މަހަރާޝްތުރައިން އެކަނި ވެސް 51,751 މީހުންނަށް ކޮވިޑް-19 ޖެހިފައިވާއިރު، މުޅި ޤައުމުން 2 ލައްކައާ ގާތް ކުރާ އަދަދަކަށް މީހުންނަށް ކޮންމެ ދުވަހަކު ކޮވިޑް-19 ޖެހިފައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!