ރައްޔިތުން އެދޭނަމަ މިހިރީ ރައީސްކަމަށް ކުރިމަތިލާން ތައްޔާރަށް: ޖޮންސަން

ރައްޔިތުންގެ ފަރާތުން ސަޕޯޓު ލިބޭ ނަމަ އެމެރިކާގެ ރައީސް ކަމަށް ކުރިމަތިލާނެ ކަމަށް މަޝްހޫރު ފިލްމީ ތަރި ޑުވައިން ޖޯންސަން ބުނެފިއެވެ.
“ދަ ރޮކް” ގެ ނަމުން މަޝްހޫރުކަން ހޯދި ޖޮންސަން ވަނީ ރައީސްކަމަށް ކުރިމަތިލުމަށް ޝައުޤުވެރިވާކަމުގެ އިޝާރާތްތައް މީގެ ކުރިން ވެސް ދީފައެވެ. އެހެން ނަމަވެސް ކުރިމަތިލާނީ ކޮން ޕާޓީ އަކުން ކަމެއް ނުވަތަ ކުރިމަތިލާނީ ކޮން އަހަރަކު ކަމެއް ޖޯންސަން ހާމަ ކޮށްފައެއް ނުވެއެވެ.
“ވަރަށް ބޭނުންވާ ކަމެއް ރައީސްއަށް ވުން އެއީ. ގައުމަށް ހިދުމަތް ކޮށްދޭން. ރައްޔިތުން ބޭނުމިއްޔާ އެކަން ވެސް ކުރާނަން” އިންޓަވިއުއެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެމުން ޖޯންސަން ބުނެފައިވެއެވެ.
މިކަމާ ގުޅިގެން ހިންގި ޕޯލް އެއްގައި އެމެރިކާގެ 46 އިންސައްތަ މީހުން ވަނީ އޭނާ ރައީސް ކަމަށް ކުރިމަތި ލާން ބޭނުންވާކަމަށް ވޯޓު ދީފައެވެ.
އުމުރުން 48 އަހަރުގެ ޖޯންސަން އަކީ އެމެރިކާގެ އެންމެ މަޝްހޫރު އެއް ފިލްމީ ތަރިއެވެ. އޭނާ އަކީ އެންމެ ބޮޑު އަގުގައި ފިލްމް ކުޅޭ އެކްޓަރެވެ.