ހާލަތު ގޯސްވެފައި ވަނިކޮށް އިންޑިއާ ހޮސްޕިޓަލުތަކުން ވެކްސިން ވަގަށް ނަގާ މައްސަލަތަކެއް

އިންޑިއާގެ ސަރުކާރު ހޮސްޕިޓަލުތަކުން ކޮވިޑް-19 އަށް ހާއްސަ ވެކްސިން ވަގަށް ނަގާ މައްސަލަތަކެއް ފެންމަތިވެއްޖެއެވެ.
މިފަދަ މައްސަލަ އެންމެ ފަހުން ފެންމަތިވެފައި ވަނީ ޖެއިޕޫރުގެ ހޮސްޕިޓަލެއްގައެވެ. އެ ހޮސްޕިޓަލުން ބާރަތު ބައޮޓެކް ކޮވަކްސިން ކޮވިޑް ވެކްސިންގެ 320 ޑޯޒް ވަނީ ވަގަށް ނަގާފައެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި 32 ފޮށީގެ ވެކްސިން ވަގަށް ނަގައިފައި ވަނީ ކޯލްޑް ސްޓޯރޭޖުން ވެކްސިން ސެންޓަރަށް ގެންދިޔަ މަގުމަތީގައެވެ.
ހޮސްޕިޓަލުން ވެކްސިން ވަގަށް ނެގި މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް ޝައްކު ކުރެވޭ ފަރާތެއް މިހައިތަނަށް ހޯދިފައެއް ނުވެއެވެ.
މީގެ ކުރިން ވެސް އިންޑިއާގެ ބައެއް ހޮސްޕިޓަލު ތަކުން ކޮވިޑް-19 ވެކްސިން ވަގަށް ނެގި މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ވެކްސިން ވަގަށް ނެގުމުގެ މައްސަލަތައް ގުޅިފައި ވަނީ އިންޑިއާގެ ބައެއް ހިސާބުތަކުގައި ވެކްސިން ލިބުން ދަތިވެފައިވާތީއެވެ. ނަމަވެސް އިންޑިއާގެ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ވަނީ ވެކްސިން ހުސްވެ، ލިބުން ދަތިވެފައިވާ ވާހަކަތައް ދޮގު ކުރަމުންނެވެ.