ކޮވިޑް-19: ފައްސިވީ މީހުންގެ އަދަދު 25،800 އަށްވުރެ މައްޗަށް
ރާއްޖެއިން ކޮވިޑް-19އަށް ފައްސިވީ މީހުންގެ ޖުމްލަ އަދަދު 25،800 އަށްވުރެ މަތިވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 39 މީހުންނާއި، އަތޮޅުތަކުން 38 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 8 މީހެކެވެ.މިއާއެކު ރާއްޖެއިން މިބައްޔަށް ޖުމްލަ 25،844 މީހުން ފައްސި ވެފައި ވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައިވަނީ ޖުމްލަ 23،141 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 67 މީހުން ނިޔާވެެފައިވެއެވެ.
ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 57 މީހުންނެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ވަނީ ބާތިލު ކޮށްފައިއެވެ. އަދި ޕާކު ތަކާއި މައިޒާންތައް ވެސް އަލުން ވަނީ ހުޅުވައިފައެވެ. މީގެ އިތުރުން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މާލެ ސަރަޙައްދުގައި ބޭރުގައި އުޅުން މަނާކުރި ކާފިއު ވެސް އެޗްޕީއޭއިން މިހާރު ވަނީ އުވައިލައިފައެވެ.