ޚަބަރު

ވެމްކޯގެ ހިދުމަތް ބޭނުންނަމަ ރަޖިސްޓްރީ ވާން އަންގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުނިއުކާލުމަށް ރަޖިސްޓްރީ ނުކޮށް ބައެއް ގޭބިސީތަކުން ނާޖާއިޒު ފައިދާ ނަގަމުންދާތީ ހިދުމަތް ބޭނުންނަމަ ރަޖިސްޓްރީ ވާން ވެމްކޯއިން އަންގައިފިއެވެ.

Ads by STELCO

ވެމްކޯއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ ފާއިތުވި އޭޕްރިލް 12 އަދި 13 ވަނަ ދުވަހުން ފެށިގެން ފުރަމާލެ ސަރަހައްދުގެ އެކި މަގުތަކަށް ގިނަ އަދަދެއްގެ ކުނި ޖަމާކޮށްފައިވާ މައްސަލަތަކެއް އެ ކޯޕަރޭޝަނަށް ލިބިފައިވާ ކަމަށެވެ.

އަދި އެ ކުންޏަކީ، ވެމްކޯއިން ގޭބިސީތަކަށް ފޯރުކޮށްދޭ ދުވަހު ކުނި ނެގުމުގެ އުސޫލަށް ނުފެތޭ، ބަރު އަދި ބޮޑެތި ކުނި ކަމަށް ވެމްކޯއިން ފާހަގަކުރެއެވެ.  ފުރަމާލެ ސަރަހައްދުގެ ގޭބިސީތަކުގެ އިމާރާތުގެ ތިރީ ފަންގިފިލާއިން ކުނި ނެގުމުގެ ޚިދުމަތް ފޯރުކޮށްދެމުން ދަނީ، މިސަރަހައްދުގައި މިވަގުތު އޮތް ކޯވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑާއި ގުޅިގެން، ޚިދުމަތް ހޯއްދަވާ އެންމެހާ ފަރުދުންގެ ރައްކާތެރިކަމަށް ބެލުމަށް ފަހުގައި ކަމަށް ވެމްކޯއިން ބުނެއެވެ.

އެހެން ނަމަވެސް އެ ޚާއްސަ އުސޫލުގެ ނާޖައިޒް ފައިދާ ، ވެމްކޯގެ ޚިދުމަތަށް ރަޖިސްޓްރީ ނުކޮށް ހުރި ވިޔަފާރިތަކުންނާއި ގޭބިސީތަކުން ނަގަމުންދާ ކަމަށާއި އަދި އެފަދަ އަމަލުތަކަކީ ވެމްކޯއިން ނުހަނު ކަންބޮޑުވާ، އަދި ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމެއް ކަމަށް އެ ކުންފުނިން ބުނެއެވެ.

ވެމްކޯއިން ވަނީ ކުނި އުކާލުމުގެ މަސައްކަތަށް ގޭބިސީތަކުން ދައްކަން ޖެހޭ އުޖޫރައިގެ މަތިންނާއި ހިދުމަތަށް ރަޖިސްޓްރީކޮށް ބަރާބަރަށް ފީ ދެއްކުމަށް ހަނދާން ކޮށްދީފައެވެ.

ކުރިޔަށްދާ ބަރަކާތްތެރި ރަމަޟާންމަހަކީ އެހެން މަސްތަކާ ހިލާފަށް ކުނި ގިނަވާ ދުވަސްވަރެއްކަމުން، މި މުއްދަތުގައި ގޭބިސީތަކަށް ފޯރުކޮށްދޭ ހިދުމަތްތައް ރާވާލެވިފައި ވާނީ ކަސްޓަމަރުންނަށް ލުއިފަސޭހަ ވާނެ ގޮތަކަށް ރޭގަނޑުގެ 22:00 އިން 23:00 އާ ދެމެދު ކަމަށް ވެސް ވެމްކޯއިން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!