މާލެ ސަރަހައްދުގައި ވެކްސިން ޖަހައިދޭ ގަޑި އިތުރުކޮށްފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޖަހާ ވެކްސިން މާލެ ސަރަހައްދުގައި ޖަހައިދޭ ގަޑި އިތުރުކޮށްފިއެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ ވެކްސިން ޖަހަން އަންނަ މީހުންގެ އަދަދު ގިނަވުމާ ގުޅިގެން ވެކްސިން ޖަހައިދޭ ގަޑި އިތުރު ކޮށްފައިވާނެ ކަމަށެވެ. އެގޮތުން ރޭގަނޑު 21:00 އިން 23:45 އާ ހަމަޔަށް ވެކްސިން ދިނުން ކުރިޔަށްދާނެއެވެ.
ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައިދޭ ތަންތަން:
- ސޯޝަލް ސެންޓަރ
- ނޭޝަނަލް އާރޓް ގެލެރީ
- ރައްޔިތުންގެ މަޖްލިސް
- ހުޅުމާލެ ވެކްސިނޭޝަން ސެންޓަރ( ކުރީގެ ފްލޫ ކްލިނިކް)
- ވިލިމާލެ ޒުވާނުންގެ މަރުކަޒު
- ސެންހިޔާ
ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭނެ ފަރާތްތަކަކީ ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ފަހު 8 ހަފްތާވެފައިވާ މީހުންނެވެ. ސިނޮފާރމް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހައިދިނުމަށް ހަމަޖެހިފައި ވަނީ ޓްރީޓޮޕް ހޮސްޕިޓަލުންނެވެ. މި ވެކްސިން ޖެހޭނީ އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ މީހުންނަށެވެ.
ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ކުރިޔަށްދާއިރު މިހާރު ރާއްޖެއިން 25000 އަށް ވުރެ ގިނަ މީހުން ވަނީ ފުރިހަމަކޮށްފައެވެ. ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ދިނުން ރާއްޖޭގައި ފަށާފައި ވަނީ މިމަހު ތިންވަނަ ދުވަހުއެވެ.