ޚަބަރު

އޭޕްރިލް 20ގެ ކުރިން ދާނަމަ، ކަރަންޓީނު 10 ދުވަސް ފުރިހަމަ ކުރަން ޖެހޭ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މި ހިނގާ އޭޕްރިލް މަހުގެ 20ވަނަ ދުވަހުގެ ކުރިން ކަރަންޓީނުވީ މީހުންނާއި، އޭގެ ކުރިން ރަށްރަށަށްދާ މީހުން، ކަރަންޓީނުގެ މުއްދަތު ފުރިހަމަ ކުރަން ޖެހޭނެ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

Ads by MWSC

"ދެން" އަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ، މާލެއިން ރަށްރަށަށް ދަތުރުކުރާއިރު ކަރަންޓީނު ވާން ނުޖެހޭނީ، މި މަހުގެ 20ގެ ފަހުން ކަމަށެވެ.

"20ގެ ކުރިން ކަރަންޓީނުގައި ތިބި ބޭފުޅުންނާއި އޭގެ ކުރިން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން، ކަރަންޓީނުގެ މުއްދަތު (އެއީ 10 ދުވަސް) ފުރިހަމަ ވަންދެން ކަރަންޓީނުގައި ހުންނަން ޖެހޭނެ. އެ ބޭފުޅުންނަށް ރިލީސް ލިބޭނީ މުއްދަތު ފުރިހަމަ ކުރުމަށްފަހު" އޮފިޝަލު ވިދާޅުވިއެވެ.

ކޮވިޑް-19އާ ގުޅިގެން ދަތުރުފަތުރު ކުރުމުގައި ކަރަންޓީނު ކުރުމަށް އަޅައިފައިވާ ޚާއްސަ ފިޔަވަޅުތަކަށް މިއަދު އެ އެޖެންސީން ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

އެގޮތުން އެޗްޕީއޭއިން ގެޒެޓުކުރި އިއުލާނެއްގައި ވިދާޅުވީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން އަންނަނިވި ލުއިތައް ދިނުމަށް އެ އެޖެންސީން ނިންމާފައިވާ ކަމަށެވެ.

1 .އާބާދީގެ %60 (ފަސްދޮޅަސް އިންސައްތަ) މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ގެ ޑޯޒްތައް ހަމަވެފައިވާނަމަ، އެ ރަށަކަށް ކަރަންޓީނު ވުމަކާ ނުލައި ދަތުރުކުރުމަށް ހުޅުވައިލުން.
2 .އާބާދީގެ %60(ފަސްދޮޅަސް އިންސައްތަ) މީހުންނަށް ކޮވިޑް-19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައިނުވާ ރަށްރަށަށް ވެކްސިންގެ 2(ދޭއް) ޑޯޒް ފުރިހަމަކޮށް، 2(ދޭއް) ހަފުތާ ވެފައިވާ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރު ކުރުމަށް ހުޅުވައިލުން. މިފަދަ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުއްދަދިނުމުގައި ޢަމަލު ކުރާނީ ތިރީގައިވާ ގޮތުގެ މަތީންނެވެ.
1.2 ރަށެއްގައި ބަލި އުޅޭ ނިސްބަތް (ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް) %5(ފަހެއް އިންސައްތަ) އަށްވުރެ މަތި ރަށަކުން އެނޫން ރަށަކަށް ދަތުރުކުރާނަމަ ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުން.
2.2 ވެކްސިން ޖެހުމަށް ޝަރުޠު ހަމަނުވާ ކުދީން މި ފަރާތްތަކާއެކު ދަތުރުކުރަން ޖެހޭނަމަ، ޕީ.ސީ.އާރ ނެގެޓިވް ޓެސްޓާއެކު ދަތުރުކުރުން.
3. ފަތުރުވެރީން ހިމެނޭގޮތަށް، ދިވެހިރާއްޖެއަށް އެތެރެވާ ފަރާތްތަކުން ވެކްސިންގެ 2(ދޭއް) ޑޯޒް ފުރިހަމަކޮށް ، 2(ދޭއް) ހަފުތާ ވެފައިވާނަމަ، ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ރާއްޖެއަށް ދަތުރުކުރާއިރު ނެގެޓިވް ޕީ.ސީ.އާރު ޓެސްޓް އޮންނަން ނުޖެހުމާއި، ކަރަންޓީނު ވާން ނުޖެހުން. ނަމަވެސް ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކުން ރާއްޖެއަށް އެތެރެވާއިރު ނެގެޓިވް ޕީ.ސީ.އާރު ނަތީޖާ އޮންނަންވާނެއެވެ. ނުވަތަ ރާއްޖެ އެތެރެވުމަށްފަހު ޕީ.ސީ.އާރު ޓެސްޓް ހަދަންވާނެއެވެ.

1 .ޞިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
2 .ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
3 .ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
4 .ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.

ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ ނެރުއްވި މި އިއުލާނުގައި އިތުރަށް ބުނެފައި ވަނީ މި ފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކަށާއި ފަރާތްތަކަށް އަންގަވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!