ފޮށުނު މީހަކަށް މޮޕު ދަނޑިން "ހޭއަރުވާލައިފި"

ބޭއަދަބީ ބަހުން ވާހަކަ ދައްކާ މެސެޖުތަކެއް ކުރުމުން އޮފީހުގެ ބޮޑު މީހާއަށް ހޭއަރުވާލައިފިއެވެ.
ޗައިނާގެ މި އަންހެންމީހާ އޭނާގެ ބޮސްއަށް މޮޕުދަނޑިއަކުން އަނިޔާ ކުރާ މަންޒަރު ދައްކުވައިދޭ ވީޑިއޯ މިހާރު ވަނީ މީސް މީޑިއާގައި ދައުރުވެފައެވެ.
ވީޑިއޯއިން ފެން ގޮތުގައި ޒޯ ނަމަކަށް ކިޔާ މި އަންހެން މީހާ އޭނާގެ ބޮސް، ވޭންގްއަށް އަނިޔާ ކޮށްފައި ވަނީ ޒޯ އާއި އޮފީހުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށް ވެސް ބޭއަދަބީ ވާހަކަތައް ދައްކާ މެސެޖުކޮށް ފޮށޭތީއެވެ.
ޒޯ އޭނާގެ ބޮސްއަށް ހަމަލާދީފައި ވަނީ އޮފީހުގެ މޭޒު ދޮށުގައި އިންދައެވެ. މޮޕު ދަނޑީގެ އިތުރުން ޒޯ ވަނީ ވޭންގުގެ ގަޔަށް ފެން ޖަހައި އެތާ ހުރި ފޮތްތަކެއް ވެސް އޭނާއަށް ދިމާއަށް އުކައިފައެވެ.
ވީޑިއޯއިން އިތުރަށް ފެންނަ ގޮތުގައި ވޭންގް ވަނީ އޭނާ ކުރި ކަންތައްތަކަށް މާފަށް އެދިފައެވެ. ވީޑިއޯއަށް މޫނު ފޮރުވައިގެން އިން ވޭންގް ބުނީ އޭނާ އެ ގޮތަށް މެސެޖުކުރީ މަޖަލަކަށް ކަމަށާއި އެއީ އޭނާ ސީރިއަސްކޮށް ކުރި ކަމެއް ނޫން ކަމަށް ބުނެފައެވެ.
ޒޯ އިތުރަށް ބުނީ ވޭންގުގެ މައްސަލަ މިހާރު ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.