ދީން

ހިދާޔަތް: ރަމަޟާންމަހު އަނބިމީހާއަށް ބޮސްދީފިނަމަ ރޯދަ ގެއްލޭނެތަ؟

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރަމަޟާން މަހު، ދުވާލު ގަޑީގައި ޖިމާޢު ވެއްޖެނަމަ، ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

Ads by Sosun Fihaara

"ދެން" އިން މި ރަމަޟާން މަހު ގެނެސްދޭ "ހިދާޔަތު" ޕްރޮގްރާމުގައި ޝައިޚް ޢަލީ ޒައިދު ވަނީ މި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ޝައިޚް ޒައިދު ވިދާޅުވީ ރަމަޟާން މަހު ދުވާލު ގަޑީގައި އަޅުގަނޑުމެން އެންމެން ތިބެން ވާނީ ކެއިން ބުއިމާއި، އެންމެހާ ޝަޚުވާނީ ކަންތައްތަކުން ދުރުހެލިވެ ރައްކާތެރިވެގެން ކަމަށެވެ.

"ރަމަޟާން މަހު ދުވާލު ގަޑީގައި، ޝަޚުވާނީ އެދުމެއް ފުއްދުމުގެ ކަންތައްތަކުގައި އަޅުގަނޑުމެންގެ އަނބިމީހާގެ ކިބައިން ވެސް އަޅުގަނޑުމެން ތިބެން ވާނީ ދުރުހެލިވެގެންނެވެ. ދުވާލު ގަޑީގައި އެކަން އެ ގޮތަށް ދެމިގެންދިޔަ ނަމަވެސް ރޭގަނޑު ގަޑީގައި އަޅުގަނޑުމެންނަށް އެއްދާންކޮށް، އަނބިމީހާގެ ކައިރިން ޖިމާޢުވެ ކަންތައްތައް ކުރުމަކީ ހުއްދަ ވެގެންވާ ކަމެކެވެ" ޝައިޚް ޒައިދު ވިދާޅުވިއެވެ.

ރަމަޟާން މަހުގެ ދުވާލު ގަޑީގައި ޝަޚުވާނީ އެދުން ފުއްދުމަކީ ހުއްދަކަމެއް ނޫންކަން އެނގިހުރެ އެކަން ކޮށްފިމީހާ ކަންތައް ކުރާނެ ގޮތް ކިޔައިދެއްވަމުން ޝައިޚް ޒައިދު ވަނީ މާތް ނަބިއްޔާ (ޞޢވ)ގެ ޙަދީޘް ބަސްފުޅެއްގެ މާނަ ކިޔައިދެއްވައިފައެވެ.

"މި ޙަދީޘަކީ ސައްޙަ ސަނަދުން ބުޚާރީ މުސްލިމްގައި ރިވާވެގެންވާ ރިވާޔަތެކެވެ. އަބޫ ޙުރައިރާ ރަޟިއަﷲ އަންހު ވިދާޅުވަނީ ނަބިއްޔާ (ޞޢވ) އަރިހުގައި ތިމަންމެން އެއް ދުވަހަކު އިށީނދެގެން ތިއްބާ މީހަކު އަތުވެއްޖެއެވެ. އައިސްފައި އޭނާ ދެންނެވިއޭ 'އޭ ﷲ ގެ ރަސޫލާއޭ، ތިމަން ހަލާކު ވެއްޖެއެވެ.' ރަސޫލާ (ޞޢވ) އެއްސެވިއޭ ކިހިނެއްތޯއޭވީ. އެހިނދުގައި އޭނާ ބުނެފިއޭ ތިމަންނާއަށް ރަމަޟާން މަހުގެ ދުވާލު ގަޑީގައި އަނބިމީހާއާ އެއްކޮށް ޖިމާޢު ކުރެވުނީއެވެ. އެހިނދު ރަސޫލާ (ޞޢވ) އޭނާ ގާތު އެއްސެވީ، އަޅަކު މިނިވަން ކުރެވޭނެ ފަދަ މިންވަރު ތިބާގެ އަތުގައި އެބަހުރިތޯއެވެ. އެއީ ރަމަޟާން މަހު ދުވާލު ގަޑީގައި ޖިމާޢު ވެއްޖެނަމަ ކައްފާރާ ދައްކަން ޖެހޭތީއާއި އެ ރޯދަ ޤަޟާ ކުރަން ޖެހޭތީއެވެ. އެ މީހާ ދެންނެވީ އަޅަކު މިނިވަން ކުރެވޭނެފަދައެއް އޭނާގެ އަތުގައި ނެތް ކަމަށެވެ. އެހެންކަމުން ނަބިއްޔާ (ޞޢވ) އެއްސެވީ ދެ މަސް ދުވަހު ވިދިވިދިގެން ރޯދަ ހިފޭނެތޯއެވެ. އޭނާއަށް އެކަން ވެސް ކުރެވޭނެކަމުގެ ކުޅަދާނަކަން ނެތް ކަމަށް ދެންނެވުމުން ތިންވަނަ ކަމަކަށް ރަސޫލާ (ޞޢވ) އެއްސެވީ 60 މިސްކީނުންނަށް ކާންދެވޭނެ ތޯއެވެ. އޭނާ ބުނީ އެކަން ވެސް ނުވާނެ ކަމަށެވެ. އެ ހިނދު ނަބިއްޔާ (ޞޢވ)ގެ އަރިހަށް ކަދުރު އަޅާފައިވާ ތައްޓެއް ގެނެވުނެވެ. އެކަލޭގެފާނު އެ ކަދުރު ތަށި އޭނާއަށް ދެއްވާފައި ޙަދީޘްފުޅު ކުރެއްވީ އެ ހިފައިގެން ގޮސް ޞަދަޤާތެއްގެ ގޮތުގައި މިސްކީނުންނަށް ކާން ދިނުމަށެވެ" ޝައިޚް ޒައިދު ވިދާޅުވިއެވެ.

ޝައިޚް ޒައިދު އިތުރަށް ވިދާޅުވީ ދުވާލުގަޑީގައި ޖިމާޢު ވެވިއްޖެނަމަ ދައްކަންވާ ކައްފާރާއެއްވާ ކަމަށެވެ. އެއީ އަޅަކު މިނިވަން ކުރުން، އެކަން ނުވެއްޖެނަމަ ވިދިވިދިގެން ދެ މަސް ދުވަހު ރޯދަ ހިފުން، އެކަން ވެސް ނުވެއްޖެނަމަ 60 މީސްކީނުންނަށް ކާން ދިނުން ކަމުގައެވެ.

  1. އަހުމަދު

    ކިޔާނިމުނު އިރުވެސް ސުރުހީގަވާ ސުވާލަށް ޖަވާބެއް ނުލިބޭ

    • ގަމު މީހާ

      އާން ތިބުނީ ތެދެއް.. ބޮސްދިނުން ޖިމާއުވުމައް ބަދަލުވެގެން ދިޔައީ.. ހާހާހާ..