އަޙްސަނަށް އަނިޔާކުރި ކަމަށް ބުނާ މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމަށް ތުހުމަތުކޮށް ހައްޔަރު ކޮށްފައިވާ ތ. ތިމަރަފުށި/އަސްރަފީވިލާ، އަޙްސަން މުހައްމަދަށް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން ތަހުގީގު ކުރަން ފަށައިފިއެވެ.
އަޙްސަންގެ ނަން ހާމަ ނުކޮށް އެ ކޮމިޝަނުން މިރޭ ބުނީ ފުލުހުންގެ ބަންދުގައި ދޫނިދޫގައި ހުރި މީހަކަށް ފުލުހުން އަނިޔާކުރި ކަމަށް ބުނާ މައްސަލަ ބަލަމުންދާ ކަމަށެވެ. އަދި އެ މައްސަލަ ރޭ 10:00 ހާއިރު ކޮމިޝަންގެ ސަމާލުކަމަށް އައުމާ ގުޅިގެން ކޮމިޝަންގެ ޓީމެއް ދޫނިދޫއަށް ރޭ ދަންވަރު ދިޔަ ކަމަށް ވެސް އެޗްއާރްސީއެމުން ބުނެފައިވެއެވެ.
އަޙުސަން ހައްޔަރު ކޮށްފައި ހުރީ ދޫނިދޫ ޖަލުގައެވެ.
"މިމައްސަލަ އެންޓި ޓޯޗަރ ގާނޫނުގެ ދަށުން އެޗްއާރްސީއެމުން ތަހުގީގު ކުރާނެ ކަމުގައި ދަންނަވަމެވެ" އަނިޔާ ލިބުނު ކަމަށް ބުނާ ފަރާތާ އެޗްއާރްސީއެމްގެ ޓީމުން ބައްދަލު ކުރުމަށް ފަހު އެ ކޮމިޝަނުން ބުނެފައިވެއެވެ.
ދޫނިދޫ ޑިއުޓީގައި ތިބި ފުލުހުންގެ އޮފިސަރުންތަކަކާ އަހްސަނާ ދެމެދު ހަމަނުޖެހުން ހިނގީ އޭނާ ޖަލު ގޮޅިއަށް ވެއްދުމުގައި ފުލުހުން ބާރު ބޭނުން ކުރުމުން ކަމަށް އާއިލާ އިން ބުނެފައިވެއެވެ.