ޚަބަރު

އިންޓަރނެޓު އަގުހެޔޮ ކުރަންޖެހޭ ހުރިހާ ކަމެއް ކުރިން، އަގުހެޔޮ ކުރުމުގެ ނިޔަތެއް ރައީސް ޞާލިހުގެ ނެތް: މަލީހު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އިންޓަރނެޓު އަގުހެޔޮ ކުރަންޖެހޭ ހުރިހާ ކަމެއް ކުރި ކަމަށާއި، އެހެން ނަމަވެސް އިންޓަރނެޓު އަގުހެޔޮ ކުރުމުގެ ނިޔަތެއް ރައީސް ޞާލިހުގެ ނުގެންގުޅުއްވާ ކަމަށް ކުރީގެ ޓެލެކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް ވިދާޅުވެއްޖެއެވެ.

Ads by MWSC

މަލީހު މިފަދައިން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ. މަލީޙް ވިދާޅުވީ 19 ޖޫން 2019 (ވެރިކަމަށް 6 މަހު) ގައި އިންޓަރނެޓު އަގުހެޔޮ ކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ކޮށްދިނުމަށް ފަހު، ރައީސް އޮފީހަށް ފޮނުވުމުން ވެސް އެކަން ކުރަން ނުކެރުނު ކަމަށެވެ. ހަމަ އެހެންމެ ރައީސް އެކަން ކޮށް ނުދެއްވީ (މަލީޙަކީ) އެމްޑީޕީއަށް ނިސްބަތްވާ ވަޒީރަކަށް ނުވީމަތޯ ސުވާލު ކުރައްވައިފައެވެ.

ދިވެހިރާއްޖޭގައި އިންޓަނެޓުގެ އަގު ވެސް ރައްޔިތުންގެ އަތްފޯރާ ފަށަށް ތިރި ކުރެވިއްޖެ ކަމަށާއި މިހާރު ފަސް ރުފިޔާ ބަޔަށް ޑާޓާ ޖީބީއެއް ލިބޭނޭ ކަމަށް ކޮމިއުނިކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ޞާލިހް އިއްޔެ ވަނީ ވިދާޅުވެފައެވެ.

އެގޮތުން 5 ރުފިޔާ ބަޔަށް މިހާރު ޖީބީއެއް ލިބޭ ކަން ފާހަގަ ކުރައްވާ އަލީ ޞާލިހު ވިދާޅުވީ، 1000 ރުފިޔާއަށް މީގެ ކުރިން 30 ޖީބީ ލިބުނު ކަމުގައި ވިޔަސް މިއަދު 1000 ރުފިޔާއަށް 180 ޖީބީ ލިބޭ ކަމަށެވެ. އަދި މާނައަކީ 5 ރުފިޔާ ބަޔަށް ޖީބީއެއް ލިބުން ކަމުގައި އޭނާ ވަނީ ތަކުރާރުކޮށް ފާހަގަ ކުރައްވާފައެވެ.

މި ސަރަހައްދުގައި އިންޓަރނެޓު އެންމެ އަގުބޮޑު ގައުމެއް ގޮތުގައި ރާއްޖެ ފާހަގަ ކޮށްލެވެއެވެ. އިންޓަރނެޓުގެ އަގު އަތްފޯރާ ފަށަށް ކުޑަ ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ރިޔާސީ ވައުދެކެވެ. އެހެން ނަމަވެސް އެކަން ކުރައްވަން އެތައް ތާރީޚެއް ދެއްވި ނަމަވެސް އެ ތާރީޚްތައް ވަނީ ފާއިތުވެގެން ގޮސްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!