"ބަނޑު ހައިތަ؟ މިހުރީ ކާނެ އެއްޗެހި"

ކޮވިޑް-19ގެ ސަބަބުން ދުނިޔޭގެ ހާލަތު މިވަނީ ވަރަށް ބޮޑަށް ބަދަލުވެފައެވެ. އެތަކެއް އާއިލާއެއް ހާލުގައި ޖެހިފައިވާއިރު އާމްދަނީ ހޯދާނެ ދޮރު ވަނީ ބަންދުވެފައެވެ. މި ބަލިމަޑުކަމުގެ އަސަރު އެންމެ ބޮޑަށް ކުރި އެއް ގައުމަކީ އަވަށްޓެރި އިންޑިއާއެވެ. އެ ގައުމުގެ އެތައް ހާސް މީހުންނެއް ވަނީ ހާލުގައި ޖެހިފައެވެ.
މި ހައްސާސް ދަނޑިވަޅުގައި އިންސާނިއްޔަތަށްޓަކައި ގިނަ ބަޔަކު އަންނަނީ އެހީވުމުގައި ނަމޫނާ ދައްކަމުންނެވެ. އެގޮތުން ތަމިލް ނާޑޫގެ ބިރިޔާނީ ވިއްކާ އަންހެނަކު ދެއްކި ނަމޫނާއަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ.
އިންޑިއާގެ މަޝްހޫރު ރޭޑިއޯ ޖާނަލިސްޓެއް ކަމަށްވާ ބާލާޖީން ކުރި ޓްވީޓެއްގައި ވަނީ މި އަންހެން މީހާގެ ބިރިޔާނީ ވިއްކާތަކުގެ ފޮޓޯއެއް ހިއްސާކޮށް އޭނާއަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.
އެ ފޮޓޯއިން ފެންނަ ގޮތުގައި އެ އަންހެން މީހާ ބިރިޔާނީ ވިއްކާ ތަނުން ބަނޑުހައިވެފައިވާ އެންމެންނަށް ކާންދެއެވެ. އަދި އެތާ ކައިރީގައި ތަމިލް ބަހުން "ބަނޑުހައިތަ؟ މިހުރީ ކާނެ އެއްޗެހި، ލޯތްބާއެކު" އެހެން ޖަހައިފައިވެއެވެ.
އަދި ގިނަ ބައެއްގެ ލޮލުގައި އެންމެ އަޅައިގަތް ކަމަކީ މި އަންހެން މީހާ އެތަނުގައި ހިދުމަތް ދޭން ހުރިއިރު ކޮވިޑް-19 އިން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅައިފައިވުމެވެ.