ފަސް ޕަސެންޓަށްވުރެ ސާމްޕަލް ފައްސިވި ރޭޓް މަތި ރަށްރަށް މާދަމާ އިއުލާނު ކުރަނީ
އާބާދީގެ ފަސް ޕަސެންޓަށް ވުރެ ސާމްޕަލް ޕޮޒިޓިވްވީ ރޭޓް މަތި ރަށްރަށް މާދަމާ އިއުލާނު ކުރާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އެ ރަށްތައް އިއުލާންކުރަން ނިންމާފައި ވަނީ ވެކްސިންގެ ދެ ޑޯޒް ޖެހުމުން ކަރަންޓީނު ނުވެ ރަށްރަށަށް ދެވޭ އުސޫލެއް ގާއިމްކުރުމާ ގުޅިގެންނެވެ.
"މާދަމާ އަޅުގަނޑުމެން، އާބާދީގެ ފަސް ޕަސެންޓަށްވުރެ ސާމްޕަލް ޕޮޒިޓިވްވީ ރޭޓް މަތި ރަށްރަށް އިއުލާނު ކުރާނަން” ނަޒްލާ ވިދާޅުވިއެވެ.
އެޗްޕީއޭއިން ނެރުނު އިއުލާނުގައި ބުނެފައި ވަނީ އާބާދީގެ 60 އިންސައްތަ ހަމަވެފައިވާ ރަށްރަށް، ވެކްސިންގެ ދެވަނަ ޑޯޒު ޖަހާފައިވާ މީހުންނަށް، ވެކްސިން ޖެހިތާ ދެ ހަފްތާ ނުވަނީސް ދަތުރު ކުރެވޭނެ ކަމަށެވެ. އަދި އާބާދީގެ 60 އިންސައްތަ މީހުންނަށް ކޮވިޑް -19 ގެ ވެކްސިން ޑޯޒްތައް ހަމަވެފައި ނުވާ ރަށްރަށަށް ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށް، ހަފުތާ ވެފައިވާ ފަރާތްތައް ކަރަންޓީނާ ނުލައި ދަތުރުކުރުމަށް ހުޅުވައިލަން ވަނީ ނިންމާފައެވެ. އެގޮތުން މިކަމުގައި ވަކި އުސޫލަކަށް އަމަލުކުރަން އެޗްޕީއޭއިން ވަނީ ނިންމާފައެވެ.
މީގެ އިތުރުން ބޭރުން އަންނަ ފަރާތްތަކުގެ ތެރެއިން ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތައް ފިޔަވައި، ރާއްޖެއަށް ދަތުރުކުރާ އެހެން ފަރާތްތަކުން ނައްސި ޕީ.ސީ.އާރު ޓެސްޓް އޮންނާކަށް ނުޖެހެއެވެ. އަދި އެ ފަރާތްތަކުން ކަރަންޓީނުވާން ވެސް ނުޖެހޭ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
1 .ޞިއްޙީ ޚިދުމަތްދޭ އެއްވެސް މަރުކަޒެއްގައި މަސައްކަތްކުރާ ފަރާތްތައް.
2 .ޑޭކެއަރ ސެންޓަރުތަކުގައި މަސައްކަތް ކުރާ ފަރާތްތައް.
3 .ސްކޫލުތަކުގައި މަސައްކަތްކުރާ ފަރާތްތައް.
4 .ރެސިޑެންޝަލް ކެއަރގެ ޚިދުމަތްދޭ ތަނެއްގައި މަސައްކަތްކުރާ ފަރާތްތައް.
މި އުސޫލަށް އަމަލުކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 20 ވަނަ ދުވަހުން ފެށިގެންނެވެ.