ޚަބަރު

ނާއިލާ އަވަހާރަވުން: ކޮވިޑް ކޭސްއެއްގެ ގޮތުގައި އެޗްޕީއޭއިން ކަނޑައަޅައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އިއްޔެ ހެނދުނުގެ ވަގުތެއްގައި ނިޔާވި ހ. ނީލްވިލާ ނާއިލާ އިބްރާހިމް ކަލޭފާނު އަވަހާރަވުން، ކޮވިޑް ކޭސްއެއްގެ ގޮތުގައި އެޗްޕީއޭއިން ކަނޑައަޅައިފިއެވެ.

އެޗްޕީއޭއިން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ އިއްޔެ ހެނދުނު އޭޑީކޭ ހޮސްޕިޓަލުގެ އެމަޖެންސީއަށް ގެންދިޔަ އުމުރުން 72 އަހަރުގެ އަންހެނަކު 9:22 ގައި ކޮވިޑް ޖެހިގެން ނިޔާވެފައިވާ ކަމަށް ކަނޑައަޅައިފައިވާ ކަމަށާއި މިއީ ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި 70ވަނަ މީހާ ކަމަށެވެ.

"ހަވީރު" ނޫހުގެ ޗެއާމަން ޒާހިރު ހުސެއިންގެ އަނބިކަނބަލުން އަވަހާރަވުމާ ގުޅިގެން ވަރަށް ގިނަ ބަޔަކު އަންނަނީ އާއިލާއަށް ތައުޒިޔާ ފޮނުވަމުންނެވެ.

ހެޔޮ ދުޢާއާއި ތައުޒިޔާ ފޮނުއްވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓްލޭޑީ ފާތުމަތު ފަޒްނާ އަހުމަދާއި މާލެ ސިޓީގެ އިންތިހާބީ މޭޔަރު އަދި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ހިމެނެއެވެ.

ނާއިލާ ވަނީ 25 ވަރަކަށް އަހަރު ވަންދެން އަމީނިއްޔާ ސްކޫލުގައި ކިޔަވައިދެއްވައިފައެވެ. އެހެންކަމުން އެކަމަނާ މަޝްހޫރު ވެފައި ވަނީ ނާއިލާ މިސްގެ ނަމުންނެވެ.

ސްރީލަންކާއާއި ނިއުޒީލޭންޑުން ތައުލީމު ހާސިލް ކުރެއްވި ނާއިލާއަކީ ކެއްކުމުގެ ދާއިރާގައި ވެސް މަޝްހޫރު ބޭކަނބަލެކެވެ. އެގޮތުން އެކަމަނާ ލިޔުއްވި ރެސިޕީ ފޮތް "ޒީނާރު" ވަނީ ދިވެހީންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދައިފައެވެ.

މާތް ﷲ އެމައްޔިތާގެ ފުރާނައަށް ހެޔޮ ރަޙްމަތް ލައްވައި ފާފަ ފުއްސަވައި ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކޮށްދެއްވާށިއެވެ. އާމީން! އަދި މި ހިތްދަތި ވަގުތުގައި ޢާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ. އާމީން!

إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُون

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!