5 އަހަރަށް ފަހު "ޗައިވާލާ" ކިޔައި ދިނީ އާ ވާހަކަތަކެއް
ޖިއާ އަލީގެ ކެމެރާ އަމާޒުވީ އިސްލާމް އާބާދުގެ މަގުމަތީގައި ހުރި ސްޓޯލެއްގައި ޗައި ހަދަން ހުރި ޒުވާނަކަށެވެ. އެއީ އެ ޒުވާނާގެ މުޅި ދިރިއުޅުން ބަދަލުކޮށްލާނެ ފޮޓޯއެއް ކަމެއް އޭރު ޖިއާއަކަށް ނޭނގެއެވެ. އަލީ އަރުޝަދު ނުވަތަ މަޝްހޫރު ނަމުން ނަމަ "ޗައިވާލާ"ގެ މުޅި ދިރިއުޅުން ބަދަލުކޮށްލީ މީގެ 5 އަހަރު ކުރިން މީހަކު ނެގި އެންމެ ފޮޓޯ ގަނޑަކުންނެވެ.
ނޫ ކަޅިއެއްގެ ވެރި އަރްޝަދު ހާން ތަށިތަކަށް ސައި އަޅަން ހުއްޓައި ޕާކިސްތާންގެ ފޮޓޯގްރާފަރެއް ކަމަށްވާ ޖިއާހް އަލީ ނެގި ފޮޓޯ "ޗައިވާލާ" ގެ ކެޕްޝަނާ އެކު އިންޓަނެޓްގައި ބޮޑު ހުމެއްހެން ފެތުރި އާންމުންގެ ސަމާލުކަން ވަރަށް ބޮޑަށް ލިބި ކުއްލިއަކަށް ބަދަލުވީ "ސެލެބްރިޓީއަކަށެ"ވެ. ނޭނގި ހުއްޓައި ލިބުނު މަޝްހޫރުކަމާ އެކު، އަރްޝަދް ހާންއަށް ހުށަހެޅުންތައް އޮހެން ފެށިއެވެ. އޭގެ ތެރޭގައި ފިލްމު ކުޅުމަށާއި މޮޑެލް ކުރުން އަދި ޓީވީ ކޮމާޝަލްތައް ވެސް ހިމެނެއެވެ.
އެކަމަކު 18 މެމްބަރުން ހިމެނޭ އާއިލާއަކަށް ނިސްބަތްވާ ވަރަށް އާދައިގެ އަރްޝަދުގެ އާއިލާއިން އޭރު އޭނާ މޮޑެލް ކުރުމާއި ފިލްމު ކުޅޭކަށް ބޭނުމެއް ނުވިއެވެ. ނަމަވެސް މިއަދު އަރުޝަދު މިވަނީ ފިލްމީ ދާއިރާއަށް ވަދެފައެވެ. އަރުޝަދު ބުނެފައި ވަނީ އާއިލާ ފަހުން އެ ކަމާ ޤަބޫލުވި ކަމަށެވެ.
މީގެ އިތުރުން އަރުޝަދަކީ މިއަދު މަޝްހޫރު ވިޔަފާރިވެރިއެކެވެ. އިސްލާމް އާބާދުގެ އެންމެ ބައިބޯ ހިސާބުގައި އޭނާގެ ރެސްޓޯރެންޓެއް ހުރެއެވެ. އެތަނަށް ކިޔަނީ ޗައިވާލާ ރޫފް ޓޮޕްއެވެ. މިއަދު ޗައިވާލާއަކީ ބްރޭންޑެކެވެ.
ޚާލިދް އަލް އަމިރީގެ ވީޑިއޯއަކުން ޗައިވާލާގެ ދިރިއުޅުން އަނެއްކާވެސް މިވަނީ ފެނިގެން ގޮސްފައެވެ. އަދި އޭނާގެ ވާހަކަތައް އަނެއްކާ ވެސް ވައިގައި މިވަނީ ހިފާފައެވެ.
އަރުޝަރު ބުނެފައި ވަނީ އެ ކެފޭއަށް "ޗައިވާލާ" އެ ނަން ދީފައި ވަނީ އެ ނަމަށް ޚާއްސަ ޤަދަރެއް އޭނާގެ ހިތުގައި ދެވިފައިވާތީ ކަމަށެވެ. އަދި އޭނާއަށް އަމިއްލަ އައިޑެންޓިޓީއެއް ލިބުނީ އެ ނަމުން ކަމަށް ވާތީ ކަމަށް ބުނެފައިވެއެވެ. އޭނާގެ ކެފޭ ހަދައިފައި ވަނީ އަމިއްލަވަންތަ ހިތްގައިމު ގޮތަކަށް ކަމަށެވެ. ކެފޭ ޒީނަތްތެރި ކޮށްފައިވަނީ އަލި ކުލަތައް ބޭނުން ކޮށްގެން ހަދައިފައިވާ ކުރެހުންތަކާއި އެކި ކުލަ ކުލައިގެ ބޮކިތައް ބޭނުން ކޮށްގެންނެވެ.
އަރުޝަދު ބުނި ގޮތުގައި އޭނާގެ ގިނަ ހުވަފެންތަކެއްގައި މިއަދު ވަނީ ކުލަޖެހިފައެވެ. ނަމަވެސް ދެކެން ބޭނުންވާ އެއް ހުވަފެނެއް އެބައޮތް ކަމަށް އޭނާ ބުންޏެވެ. އެއީ ކުޑަ ކުދިންނަށް ތަޢުލީމް ދޭނެ ސުކޫލެއް ހެދުމެވެ. އެ މަސައްކަތް ވެސް ކުރިޔަށްދާ ކަމަށް އޭނާ ބުނެފައިވެއެވެ.