ސިޔާސީ މައިދާނުގައި މަޑުން ހުންނަނީ ހައިރިސްކު މީހަކަށް ވާތީ، ދެޑޯޒް ފުރިހަމަ ވުމުން މަޑަކުން ނުހުންނާނަން: ގާސިމް

ސިޔާސީ މައިދާނުގައި މަޑުން ހުންނަވަނީ ހައި ރިސްކު ބޭފުޅަކަށް ވުމުން ކަމަށާއި، އެހެން ނަމަވެސް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރެވުމާއެކު ދެން މަޑުމަޑުން ނުހުންނަވާނެ ކަމަށް، ރައްޔިތުން މަޖިލީހުގެ މާމިގިލި ދާއިރާގެ މެންބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
މިހާރު ރާއްޖޭގައި އޮތް ވެރިކަން ކުރާ ނިޒާމް، ބަރުލަމާނީ ނިޒާމަށް ބަދަލު ކުރުމަށް ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅިގެން ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، މީގެ އަހަރުތަކެއް ކުރިން ދިވެހީން ވަނީ ރާއްޖޭގައި ވެރިކަން ކުރާނެ ނިޒާމެއް ކަނޑައަޅައިފައި ކަމަށާއި، ވަކި މީހަކު ބޭނުންވާ އިރަށް އެ ނިޒާމް ބަދަލު ނުކުރެވޭނެ ކަމަށެވެ. އަދި އެކަން ކުރަން ފުރުސަތު ވެސް ނުދޭނެ ކަމަށެވެ.
ނަޝީދަށް ފާޑުވިދާޅުވަމުން ގާސިމް ވިދާޅުވީ، ބޮޑުވަޒީރުކަން ކުރައްވަން ކިތަންމެ ބޭނުންފުޅު ވިޔަސް ޢަމަލުތައް އެ މަނިކުފާނުގެ އަމަލުފުޅުތައް ގެންގުޅުއްވަނީ ވަރަށް ދަށު ދަރަޖައިގައި ކަމަށާއި، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ވެސް އެ ފުރުސަތު ރައްޔިތުން ނަޝީދުއަށް ނުދެއްވާނެ ކަމަށެވެ.
ރާއްޖޭގައި ވެރިކަން ކުރާ ނިޒާމް، ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަށާއި، ބޮޑުވަޒީރުކަން ބޭނުންފުޅުވާ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ، ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް މެސެޖެއް ވެސް ފޮނުވައިފައެވެ. އެހެން ނަމަވެސް ރިޔާސީ ނިޒާމަކީ ދިވެހިން ބޭނުންވެގެން ހޯދައިފައިވާ ނިޒާމެއް ކަމަށާއި، އެ ނިޒާމު ބަދަލު ކުރެވޭނީ ވެސް ހަމައެކަނި ރައްޔިތުންނަށް ކަމަށް ރައީސްގެ ފަރާތްޕުޅުން ، ތަރުޖަމާނު މަބުރޫކް ވަނީ ވިދާޅުވެފައެވެ.