ލައިފްސްޓައިލް

އިސްތަށިގަނޑު ނުރަވާތީ ދެން އުޅޭކަށް ނުޖެހޭނެ! މިއޮތީ ހައްލު!

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ޢުމުރުން މާ ގިނަ ދުވަސް ނުވިޔަސް މި ފަހަކަށް އައިސް ފެންނަނީ ގިނަ ބައެއްގެ ބޮލުގައި ނުރަ ޖަހާ މަންޒަރެވެ. ހަގު އުމުރެއްގައި މުޅި ބޯ ނުރައިން ފުރިފައިވާ ކުދިން ވެސް މަދެއް ނޫނެވެ. މިކަން ދިމާވަނީ ހަމައެކަނި ފިރިހެނުންނަށް އެކަންޏެއް ނޫނެވެ. ޒުވާން އަންހެނުން ކުދިންނަށް ވެސް މިމައްސަލަ ދިމާވެއެވެ. އެކުދިންގެ ބޮލުގެ އިސްތަށިގަނޑު ނުރަ ވަނީ އާދަޔާ ޚިލާފު އަވަސް މިނެއްގައެވެ.

Ads by STELCO

އެހާ ހަގު އުމުރެއްގައި މުޅި މީހާ ނުރަވެފައި ހުންނާން ބޭނުން ވާނީ ވެސް ފަހެ ކާކު ހެއްޔެވެ؟ އެހެންކަމުން ގިނަމީހުން ކުރާކަމަކީ ބާޒާރުން ބޯ ކަޅުކުރާ ކޮންމެ ވެސް ބާވަތެއްގެ ބޭހެއް ގަނެގެން ހަފްތާއަކު އެއްފަހަރު ނުވަތަ ދެފަހަރު ބޯ ކަޅު ކުރަނީއެވެ. މިއީ ސިއްޙީ ގޮތުން ވެސް އަދި ދީނީ ގޮތުން ވެސް އެހާ ރަނގަޅު ކަމެއް ނޫނެވެ.

ނުރަޖަހަން މެދުވެރިވާ މައިގަނޑު ސަބަބު!

ނުރަ ޖެހުމަކީ ހަށިގަނޑުގެ ސިއްޙީ ޙާލަތު އާދައިގެ ގޮތެއްގައި ހުރިކަމުގެ ދަލީލެއް ކަމަށާއި އެއީ ބަލީގެ ނިޝާނެއް ނޫން ކަމަށް ސައެންސްވެރިން ބުނެއެވެ.

ނުރަޖެހުމާ ގުޅޭ ގޮތުން އެމެރިކާއިން ކުރި ދިރާސާއިން ސައެންސްވެރިން ބުނިގޮތުން ނުރަ ޖަހަނީ އެންޓި އޮކްސިޑެންޓަލް މާއްދާއެއް ކަމަށްވާ “ގުލުޓަތިއޮން” ނަމަކަށް ކިޔާ މާއްދާއެއް ލޭގައި މަދުވުމުގެ ސަބަބުންނެވެ. މިއީ އިންސާނާގެ ހަށިގަނޑުގައި ގުދްރަތީ ގޮތުން އުފައްދާ މާއްދާއެކެވެ. މިމާއްދާގެ ބޭނުމަކީ ހަށިގަނޑުގައި ހުންނަ އޮކްސިޑޭޝަންގެ ލެވެލް އެއްވަރެއްގައި ހިފެހެއްޓުމެވެ. އޮކްސިޑޭޝަންގެ ލެވެލް މައްޗަށް ދާނަމަ ނުރަޖެހުން ގިނަވާނެ އެވެ. “ގުލުޓަތިއޮން” ހަށިގަނޑުގައި ގިނައިން އުފައްދާ މީހުންގެ އިސްތަށި ނުރައަށް ބަދަލުވުން ކުޑަވާނެ އެވެ. މިމާއްދާ މަދުވެ އޮކްސިޑޭޝަންގެ ލެވެލް މަތިވެއްޖެ ނަމަ އަވަހަށް އަދި ގިނައިން ނުރަޖަހާނެ އެވެ.

މިކަމުގެ އެންމެ ރަގަޅު ފަރުވާއަކީ ކޮބާ؟

ނުރަޖެހުން ހުއްޓުވުމަށް ކުރެވިދާނެ އެންމެ ރަނގަޅު އެއް ފަރުވާއަކީ އަލުވި ތޮށި ފެނެވެ. އަލުވި ތޮށި ފެން ތައްޔާރު ކުރާނެ ގޮތަކީ:

  • އާދައިގެ 5 ނުވަތަ 6 އަލުވީގެ ތޮށި މަށާށެވެ.
  • އެތޮށިތައް ކުޑަތެއްޔަކަށް އަޅާށެވެ. އަދި އޭގެ ތެރެއަށް 2 ޖޯޑު ފެން އަޅާށެވެ. ދެން ހޫނުވަންދެން އުނދުންމަތީ ބަހައްޓާށެވެ. ފެންފޮދު ހޫނުވުމުން އުނދުނުގެ ގިނި މަޑުކޮށް 15 ނުވަތަ 20 މިނިޓް ވަންދެން އުދުންމަތީ ބަހައްޓައިގެން ކައްކާށެވެ.
  • ދެން ފެންފޮދު އުނދުނުން ބާލާ ހިހޫ ވަންދެން ބެހެއްޓުމަށް ފަހު ބޮޑު ބޯތައްޓަކަށް ފެންފޮދު އަޅާލާށެވެ. ދެން ފުރާނާލުމަށް ފަހު އަލުވިތޮށިތައް ނަގާށެވެ. ދެން ފެންފޮދުގެ ވަސް ރަގަޅު ކޮށްލުމަށް ބޭނުމިއްޔާ ދެތިން ތިކި ރޯސެމްރީ އޭގެ ތެރެއަށް ޖަހާލާށެވެ.
  • ދެން އެފެނުން ކޮންމެ ދުވަހަކު ބޯ ދޮންނާށެވެ. ބޯދޮންނައިރު ބޮލުގައި އެ ފެން އުނގުޅުމަށްފަހު ކޮންމެ ފަހަރަކު ވެސް ބޯ ނުދޮވެ ގާތްގަޑަކަށް ދެ މިނިޓެއް ހާއިރު ބަހައްޓާލަންވާނެއެވެ.
  • މިފެން ބޭނުން ކޮށްގެން ބޮލުގެ އިސްތަށިގަނޑު މަސާޖު ކުރާށެވެ. ޔަޤީނުން ވެސް ނުރަވުން މަޑުމަޑުން ހުއްޓި މުޅި ބޯ އެއްކޮށް އިސާހިތަކު ކަޅުވެދާނެއެވެ.
  • މިފެން ބޭނުން ކުރުމަށް ފަހު އާދަވެގެން ބޯހިއްކާ އުޞޫލުން ބޯހިއްކާށެވެ. އަދި ރީތިކޮށް ފުނާ އަޅާލާށެވެ.
  • އަލުވި ތޮށި ފެން ފުރިޖް ގައި ބަހައްޓައިގެން ގިނަ ދުވަސް ވަންދެން ބޭނުން ނުކުރާށެވެ. ރަނގަޅީ ކޮންމެ ދުވަހަކު ވެސް ފްރެޝްކޮށް މި ފެން ތައްޔާރުކުރުމެވެ.
  • މި ފަރުވާ ދުވާލަކު އެއްފަހަރު ނުވަތަ ހަފްތާއަކު 3 ފަހަރު މަދުވެގެން ބޭނުން ކުރާށެވެ.
  • ޔަޤީންކަމާ އިތުބާރާއެކު މި ފަރުވާ ކުރާށެވެ. ނަތީޖާ ފެންނާނީ 1 ހަފްތާ އާއި 1 މަހާ ދެމެދުގައިކަން އަބަދުވެސް ހަނދާނުގައި ބަހައްޓާށެވެ.
  • މިފަރުވާ ކުރިއަސް ޢުމުރުން މާގިނަ ދުވަސް ވެ ، މުޅި މީހާ ނުރައަށް ވެފައި ތިބި ބައެއް މީހުންނަށް މީގެ ނަތީޖާ ނުފެނުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް 50 އަހަރުން ދަށުގެ ކޮންމެ މީހަކަށް ވެސް މީގެ ހެޔޮ ބަދަލު އަންނާނެ ކަމީ ، އިންޝާﷲ ޔަޤީން ކަމެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!