ޚަބަރު

މަސްތުވާ ތަކެއްޗާއެކު 18 އަހަރުން ދަށުގެ ކުއްޖަކު ހައްޔަރު ކޮށްފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
ފޮޓޯ: ޕޮލިސް

މަސްތުވާ ތަކެއްޗާ ދެކޮޅަށް ފުލުހުން ކުރިއަށް ގެންދާ ޚާއްސަ އޮޕަރޭޝަނެއްގެ ދަށުން ޅ އަތޮޅު ހިންނަވަރުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި އެރަށުން 18 އަހަރުން ދަށުގެ ކުޑަކުއްޖަކު ހައްޔަރު ކޮށްފިއެވެ.

މި އޮޕަރޭޝަނަކީ މާލެއިން ހިންނަވަރަށް ދިޔަ ބޯޓަކުން އެރަށަށް މަސްތުވާ ތަކެތި އެތެރެ ކުރަން އުޅޭ ކަމުގެ މައުލޫމާތު ފުލުހުންގެ އިންޓެލިޖަންސްއަށް ލިބުމުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. އިއްޔެ އެ ރަށުގައި ކުރިއަށް ގެންދެވުނު މި އޮޕަރޭޝަނުގައި އެ ރަށު ބަނދަރު މަތިން 18 އަހަރުން ދަށުގެ އެއް ކުއްޖަކު ވަނީ ހައްޔަރު ކުރެވިފައެވެ. އަދި އޭނާ ބަލައި ފާސް ކުރިއިރު މަސްތުވާ ތަކެތި ކަމަށް ބެލެވޭ ތަކެތި ހިމެނޭ ހަތަރު ރަބަރު ޕެކެޓު ވެެސް އޭނާ އަތުން ފުލުހުންނަށް ފެނިފައި ވެއެވެ.

މީގެ އިތުރުން މި މަހުގެ 2 ވަނަ ދުވަހު ގދ ގައްދޫގައި ހިންގި މަސްތުވާ ތަކެތީގެ އޮޕަރޭޝަނެއްގައި ވެސް އެރަށަށް މަސްތުވާ ތަކެތި އެތެރެ ކުރަން އުޅެނިކޮށް ފުލުހުން ވަނީ މަސްތުވާތަކެތި އަތުލައި ގެންފައެވެ.  އެ ބޯޓު ގައްދުއާ ގާތް ކުރުމުން ފުލުހުން އެބޯޓަށް އަރައި އެ ބޯޓުގައި ހުރި ފޮށިގަނޑެއް ވަނީ ބަލައި ފާސް ކޮށްފައެވެ. އެގޮތުން މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ބޮޑު ކޮތަޅެއް ފުލުހުން ބަލައި ފާސް ކުރި ފޮށިގަނޑުން ފެނިފައި ވާ ކަމަށް ފުލުހުން ބުނެއެވެ. އެހެން ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. މިި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!