ކޮވިޑް-19: މިއަދު ރާއްޖެއިން ފައްސިވީ އަދަދު 300 އަށްވުރެ ވެސް މަތި
ކޮވިޑް-19އަށް ރާއްޖެއިން މިއަދު އިތުރު 319 މީހުން ފައްސިވެ 51 މީހުން ބަލިން ރަނގަޅު ވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އާއްމުކޮށްފައިވާ ސާވޭލަންސް ޑޭޓާއަށް ބަލާއިރު މިއަދު ރާއްޖެއިން ކޮވިޑަށް ފައްސި ވެފައިވަނީ މާލެއިން 108 މީހުންނާއި، އަތޮޅުތަކުން 182 މީހުންނާއި، ހިންގަމުން އަންނަ ރިސޯޓުތަކުން 21 މީހުންނާއި އަދި އިންޑްސްޓްރިއަލް އައިލެންޑުން 8 މީހެކެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 27،403 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 24،116 މީހުންނެވެ. އަދި މިހާތަނަށް މިބަލީގައި ރާއްޖެއިން 71 މީހުން ނިޔާވެފައިވެއެވެ.
ރާއްޖޭގައި އަނެއްކާވެސް މި ފަހަކަށް އައިސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އިތުރު ވަމުންނެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް އެޗްޕީއޭއިން އަޅާފައިވާ ބައެއް ފިޔަވަޅުތައް މިހާރު ވަނީ އުވާލައިފައެވެ. އެގޮތުން އިރުއޮއްސި 6:00 އިން ފެށިގެން އަނެއް ދުވަހުގެ ހެނދުނު 6:00 އަށް މާލެ ސަރަޙައްދުގައި އެއްގަމު އުޅަނދު ދުއްވުން މަނާ ކުރި އެންގުން މިހާރު ވަނީ ބާތިލުކޮށްފައެވެ. އަދި ޕާކު ތަކާއި މައިޒާންތައް ވެސް ވަނީ އަލުން ހުޅުވައިފައެވެ. މީގެ އިތުރުން ރޭގަނޑު 11:00 އިން ފަތިހު 4:30 އަށް މާލެ ސަރަޙައްދުގައި ބޭރުގައި އުޅުން މަނާކުރި ކާފިއު ވެސް އެޗްޕީއޭއިން މިހާރު ވަނީ އުވައިލައިފައެވެ.