ޚަބަރު

އިންތިހާބުގައި ދިމާވި މައްސަލަތަކާ ގުޅިގެން ކޯޓަށް ނުދާން އެމްޑީޕީން ނިންމައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން
އެމްޑީޕީގެ ގައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން | ފޮޓޯ: އެމްޑީޕީ

މި މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ދިމާވި މައްސަލަތަކާ ގުޅިގެން ކޯޓަށް ނުދާން ވެރިކަން ކުރާ އެމްޑީޕީން މިރޭ ނިންމައިފިއެވެ.

Ads by STELCO

މިރޭ ބޭއްވި އެ ޕާޓީގެ ޤައުމީ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދާއިރާގެ މެމްބަރު އަބްދުލްޤަފޫރު މޫސާ ހުށަހެޅުއްވީ އިންތިހާބުގެ މައްސަލައިގައި ކޯޓަށް ނުގޮސް ކެނޑިޑޭޓުން އަމިއްލައަށް މައްސަލަ ހުށަހަޅާ ނަމަ ޕާޓީން އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. އަބްދުލްޤަފޫރްގެ މި ހުށަހެޅުއްވުން 66 މެމްބަރުންގެ ވޯޓާއެކު ފާސްވިއެވެ.

އިންތިހާބުގެ ބައެއް ފޮށިތަކުގެ މައްސަލަ ކޯޓަށް ވެއްދުމަށް އެމްޑީޕީން ވަނީ މީގެ ކުރީން ނިންމައިފައެވެ. އެގޮތުން އޭރު އެ ޕާޓީން ކޯޓަށް ހުށަހެޅުމަށް ނިންމީ އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ޝަކުވާގެ ގޮތުގައި ހުށަހެޅި މާލޭގެ ހަ ދާއިރާގެ ވޯޓު ފޮށީގެ މައްސަލައެވެ. އެއީ މެދު ހެންވޭރު ދާއިރާ, ހެންވޭރު ދެކުނު ދާއިރާ، ހެންވޭރު ހުޅަނގު ދާއިރާ، މައްޗަންގޯޅި އުތުރު ދާއިރާގެ އިތުރުން މާފަންނު އުތުރު ދާއިރާ އަދި މާފަންނު ހުޅަނގު ދާއިރާއެވެ.

މީގެކުރިން އެމްޑީޕީން ބުނީ ވޯޓެއް ބާތިލުވާނެ ކަމަށް ގާނޫނުގައި އޮތް ގޮތް އިލެކްޝަންސް ކޮމިޝަނުން ގާނޫނުގެ މަފްހޫމާއި ޚިލާފަށް މާނަކޮށް ވޯޓްތަކެއް ބާތިލުކޮށްފައިވާ ކަމަށް އެ ޕާޓީން ގަބޫލުކުރާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!