ޚަބަރު

މިފަހަރު ހަމަލާ ދިނީ އާސިމްއަކަށް ނޫން، އޭނަ ދިރިއުޅޭ ގެއަށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހި ފިލްމީ ތަރި އަހުމަދު އާސިމް ދިރިއުޅޭ ގެއަށް ބަޔަކު ވަދެ، ހަމަލާދީފިއެވެ.

Ads by MWSC

ނަން ހާމަ ނުކޮށް، އެ ގޭގެ ވެރިމީހާ "ދެން" އަށް މައުލޫމާތު ދެމުން ބުނީ އެ މީހުން އެ ގެއަށް އައީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:00 ހާއިރު ކަމަށެވެ. އޭރު ގޭތެރެ މަރާމާތު ކުރަން ގެނެސްފައި ތިބި ބަޔަކު ތިބި ކަމަށާއި، އެ މީހުން ގުޅާފައި އެ މަސައްކަތް ހުުއްޓުވައިފި ކަމަށް ބުނުމުން ވެރިމީހާ ވެސް އެތަނަށް ދިޔައީ ކަމަށް ބުންޏެވެ.

މައުލޫމާތު ދިން ފަރާތުން ބުނީ، އެ ގެއަށް ވަދެ ހަމަލާ ދީފައި ވަނީ އެ ގެ ހަދަން ކުރިން ހަވާލުކުރި މީހަކާ ހަދާފައިވާ އެގްރިމަންޓަކާ ގުޅިގެން އުފެދިފައިވާ ދެބަސް ވުމެއްގެ ތެރެއިން ކަމަށެވެ.

"އޭނަ ބޭނުން ވަނީ ތަން އެއްކޮށް، އޭނަ މަސައްކަތް ކުރާ ގޮތަށް ހަދަން. އެކަމަކު ހަގީގަތުގައި އެގްރިމެންޓާއި ވަރަށް ބޮޑަށް ޚިލާފުތަކެއް ވެގެން، އެކޮޅުން ކޯޓަށް ދިޔައީ ވެސް. އަޅުގަނޑުމެން ބެލީ ސުލްޙަވެރި ކަމާއެކު ވާހަކަ ދައްކައިގެން ހައްލު ކުރެވޭތޯ" އެ ގޭގެ ވެރިމީހާ ބުންޏެވެ.

މައުލޫމާތު ދިން މީހާ ބުނީ، ހަމަލާ ދޭން އައި މީހާއައީ ފުލުހުން ވެސް ގޮވައިގެން ކަމަށް އެތަނުގައި އޭރު ތިބި މީހުން ބުނި ކަމަށެވެ. ނަމަވެސް އެތަނުގައި ފުލުހުން ތިއްބާ ނުފެންނަ ކަމަށާއި ވެރިމީހާ ތިރިއަށް ފޭބި ފަހުން ފުލުހުން ދިޔަ ކަމަށް ވެސް ބުންޏެވެ.

"ބޮޑު މައްސަލަގަނޑަކަށްވި. އެކަކު އަނެކަކު ކޮށްޕާ ހެދުމުން، އަޅުގަނޑުގެ ފަޔަށް ވެސް ވަނީ ކޮންމެވެސް ވަރަކަށް އަނިޔާ ވެފަ. އިއްޔެ ވެސް ގޭންގު ގްރޫޕަކުން މިކޮޅަށް އައިސް އިންޒާރު ދިން. ތަޅާފޮޅުމަކަށް ދާން ނިންމާފަ އެ މީހުން އިއްޔެ ވެސް ތިބީ" އެ ގޭގެ ވެރި ފަރާތުން ބުންޏެވެ.

އެ ގޭގެ ވެރި ފަރާތުން އިތުރަށް ބުނީ އެ މީހުންނަކީ އާސިމް ކުރިން ކިންގްސް ކޯނަރ ގައި އިންދާ އާސިމް އަށް ވެސް ހަމަލާ ދިން މީހުން ކަމަށެވެ.

"އިއްޔެ އިންޒާރު ދޭން އައި މީހުން، އަޅުގަނޑު މަގުމަތީގައި ހުރީމަ ގޭގެ އެތެރެއަކަށް ނުވަދޭ. އެކަމަކު އެގްރިމެންޓު ހަދާފައި އޮތް ފަރާތުން މިއަދު ގޭގެ މައްޗަށް އަރާފައި، އޭނަ މަސައްކަތް ކުރީ ބޮޑު މާރާމާރީ ގަނޑެއް ގޭތެރޭގައި ހިންގަން. އެމީހުން ބޭނުން ވަނީ މުޅިތަން އެއްކޮށް ހިފަން. 'ނޫރުލް ޤުރްއާން' ހިންގާ ފައުޒީ މީގަ އަޑީގައި ހުންނަނީ. ފައުޒީއަށް ހަގީގަތުގައި މިތަން ލިބެން އޮތީ ވެސް މި ތިން ފްލޯ ނިންމާފަ. އެކަމަކު އޭގެ ކުރިން ވެސް އޭނަ ބޭނުން ވަނީ ގަދަބާރުން ވިޔަސް (ތަނުގައި ކުރަން ހުރި މަސައްކަތްތަށް ނުނިންމާ) ޤުރްއާން ކްލާސް ހޯދަން" މައުލޫމާތު ދިން މީހާ ބުންޏެވެ.

އެ ގޭގެ ވެރިމީހާ ބުނީ، އެގްރިމެންޓު ބާތިލު ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށާއި އެ މައްސަލަ މިހާރު ކޯޓު މަރުހަލާގައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!