ދުނިޔެ

އިންޑިއާގެ ފްލައިޓަކުން ދަތުރުކުރި 52 މީހަކު ކޮވިޑް-19އަށް ފައްސި ވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނިއު ދިއްލީން ހޮންގް ކޮންގަށް ފްލައިޓްގައި ދަތުރުކުރި 52 މީހަކު ކޮވިޑަށް ފައްސި ވެއްޖެއެވެ.

Ads by Sosun Fihaara

ރިޕޯޓުތަކުން ބުނާ ގޮތުގައި، ދަތުރަށް ފެށުމުގެ ކުރިން އެ އެންމެންގެ ޓެސްޓު ނަތީޖާ ވެސް ދެއްކީ ކޮވިޑަށް ނައްސި ކަމަށެވެ. ނަމަވެސް ހޮންގްކޮންގަށް ދިޔުމަށް ފަހު ޓެސްޓްތަކުން އެމީހުން ކޮވިޑަށް ފައްސި ކަމަށް ވަނީ ދައްކައިފައެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި މި 52 މީހުން އިންޑިއާގެ "ވިސްތާރާ"، އިން ހޮންގް ކޮންގަށް ގޮސްފައި ވަނީ މި މަހުގެ 4 ވަނަ ދުވަހުގައެވެ.

އެ ފްލައިޓުން ގިނަ އަދަދެއްގެ މީހުން ކޮވިޑަށް ފައްސި ވެފައިވާއިރު، މިއީ ހޮންގް ކޮންގްގައި ދުވާލެއްގެ މައްޗަށް ފައްސިވާ މީހުންގެ އަދަދަށް ވުރެ ވެސް ގިނަ އަދަދެއްކަން އެ ޤައުމުން ވަނީ ފާހަގަ ކޮށްފައެވެ.

މި ފްލައިޓުގައި ދަތުރުކުރީ ޖުމްލަ ކިތައް މީހުން ކަމެއް އެ ޤައުމުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ހޮންކޮންގަށް ދަތުރުކުރާ ފްލައިޓެއްގައި 118 މީހުންނަށް ވުރެ އިތުރަށް ދަތުރު ނުކުރެވޭނެ ކަމަށް އެ ގައުމުން ވަނީ ހަމަޖައްސާފައެވެ.

ސިއްޙީ މާހިރުން ބުނާ ގޮތުގައި އެޑްވާންސްކޮށް ފްލައިޓު ވެންޓިލޭޓު ކޮށްފައިވާނަމަ، ކޮވިޑަށް ފައްސި ވެފައިވާ މީހެއްގެ ފަރާތުން އެހެން މީހަކަށް މި ބަލި ފެތުރުމުގެ ފުރުސަތު ހަނިވެގެން ދާނެއެވެ. ނަމަވެސް އެ ފްލައިޓުގައި އުފެދުނު ކޮވިޑް ކްލަސްޓާ، އުފެދުނު ގޮތުގައި ބައިވަރު ތިއަރީތައް އެބަހުރި ކަމަށާއި އެއީ ހަމައެކަނި އެކަކު ގައިން އަނެކަކު ގަޔަށް އަރައިގެން އުފެދުނު ކްލަސްޓާއެއް ކަމުގައި ބުނެވެން ނެތް ކަމަށް ވެސް މާހިރުން ބުނެފައިވެއެވެ.

މިވަގުތު އިންޑިއާގެ ހާލަތަށް ބަލާއިރު، އެ ޤައުމުގެ ސިއްޙީ ނިޒާމަށް މިވަގުތު ވަނީ ވަރަށް ބޮޑު ދަތިކަމެއް ފޯރައިފައެވެ. ކޮވިޑް-19 ގެ ދެވަނަ ރާޅެއް އަރައި ، އެ ޤައުމުގައި ހާސްކޮށްލައިފައި ވާ މި ދުވަސްވަރު ދުވާލެއްގެ މައްޗަށް 3،000 އާ ގާތް ކުރާ އަދަދެއްގެ މީހުން އިންޑިއާއިން ދަނީ މަރުވަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!