ދެން ރެސިޕީ | ޗޮކްލެޓް ބޯލްސް
ބޭނުންވާތަކެތި:
44 މާރީ ބިސްކޯދު
200 ގްރާމް ރިޓްޒްބަރީ ޑާކް ކުކިންގް ޗޮކްލެޓް
¾ ޖޯޑު ގެރިކިރު
1 މޭޒުމަތީ ސަމުސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް:
1. މާރީ ބިސްކޯދުތައް ފުނޑުފުނޑު ކޮށްލާށެވެ. ފުނޑުވާނީ އެހާ ހިމުން ކޮށެއް ނޫނެވެ.
2. ފުނޑުވި ބިސްކޯދާއި ގެރިކިރާއި ވެނީލާ އެސެންސް އެއްކުރާށެވެ.
3. އެއްކުރި ސާމާނު 17 ބަޔަށް ބަހާލުމަށް ފަހު ކޮންމެ އެތިކޮޅެއް ބޯޅައެއް ގޮތަށް ދެއަތުން ވަށް ކޮށްލާށެވެ.
4. ދެން ބޯޅަތައް ގަނޑު ކުރާ ބަޔަށް ލާފައި ރަނގަޅަށް ސެޓްވަންދެން ބަހައްޓާށެވެ. ސެޓްވުމުން ހުންނާނީ ހަރުކޮށެވެ. އަހަރުމެންނަށް މިކަމަށް ނެގީ ތިރީހަކަށް މިނެޓެވެ.
5. ޗޮކްލެޓު ކުދި އެތިކޮޅު ކޮޅަށް ހުންނާނެ ގޮތަށް ކޮށާލާށެވެ.
6. ދެން ޗޮކްލެޓްތައް ވިރުވާލާނީއެވެ. (އަހަރުމެން ހެދިގޮތަކީ ފުރަތަމަ ތެއްޔެއްގެ ތެރެއަށް ދެތިން އިންޗިއެއްގެ އުސްމިން ހުންނާނެ ވަރަށް ފެން އެޅީ އެވެ. ދެން ތެލީގެ މަތީގައި އެހެން ބޯތަށްޓެއް ބެއިންދީއެވެ. މިހެން ހަދާނަމަ ބޭނުން ކުރާނީ ތަންކޮޅެއް ގަދަ ހޫނުގައި ބޭނުންކުރެވޭ ކަހަލަ ބޯތަށްޓެކެވެ. އަދި ބޯތަށި އިންނަންވާނީ ތެލީގައި އަޅުވާލާފައި އިންނަ ގޮތަށެވެ. ފެނުގައި ބޯތަށި ޖެހިގެން ނުވާނެއެވެ. މިގޮތަށް ބޯތަށްޓާއި ތެލި ތައްޔާރު ކުރުމަށްފަހު ދެން އުނދުން ރޯކޮށް މަޑު ގިނީގައި ބެހެއްޓުމަށްފަހު ބޯތަށީގެ ތެރެއަށް ޗޮކުލެޓުކޮޅު އަޅާލާނީއެވެ. ދެން ޗޮކްލެޓްގަނޑު ގިރަމުން ކައްކާލާނީއެވެ. އަދި ހުރިހާ އެތިކޮޅެއް ނުވިރެނީސް އުނދުން ނިވާލަންވާނެއެވެ. އެއީ ޗޮކްލެޓް މާބޮޑަށް ހޫނުކޮށްފިނަމަ އޭގެ އޮމާންކަން ގެއްލި ފާޑަކަށް ހަރުވާން ފަށާނެތީއެވެ.)
7. ގަނޑު ކުރާ ބަޔަށް ލި ބޯޅަތައް ޗޮކްލެޓުގެ ތެރެއަށްލާ އޭގައި ރަނގަޅަށް ޗޮކްލެޓް އުނގުޅާށެވެ. ހުރިހާ ބޯޅަ ތަކެއް އެއްފަހަރާ އަޅާލައިފިނަމަ އެކަން ކުރަން އެހާ ފަސޭހަ ނުވެދާނެއެވެ. އެހެންވެ ޗޮކްލެޓުގެ ތެރެއަށް ވައްޓާލާނީ ފަހަރަކު ދެބޯޅައެއް ވަރެވެ. އަދި މިކަން ކުރަންވާނީ ޗޮކްލެޓް ހިހޫ ނުވަނީސްއެވެ. ރަނގަޅަށް ހެދިއްޖެނަމަ ހުންނާނީ ބޯޅަތަކުގެ ބޭރުން ރަނގަޅު ޗޮކްލެޓް ފަށަލައެއް ދުއްވާލެވިފައެވެ.
8. އަނެއްކާވެސް ބޯޅަތައް ގަނޑުކުރާ ބަޔަށް ލާށެވެ. މިފަހަރު 15 މިނެޓެއް ހާއިރު ބެހެއްޓީމާ ރަނގަޅުވާނެއެވެ.
ނޯޓް: ބޭނުމިއްޔާ އެންމެ ފަހު ފަހަރަށް ގަނޑުކުރާ ބަޔަށް ލުމުގެ ކުރިން ކޮންމެސް ކަހަލަ ބަދަނެއް ފުނޑުވާލުމަށްފަހު ބޯޅަތަކުގެ މައްޗަށް ބުރުއްސާލެވިދާނެއެވެ. އޭރުން އިތުރު މުރަނަކަމެއް އޭގައި ހުންނާނެއެވެ.