އަމިއްލަ ކުރޮޅީގައި ބަލި މީހުން އުފުލަދީ އޮކްސިޖަން ފޯރު ކޮށްދޭ ޒުވާނެއް، ތައުރީފް އޮހެނީ
ކޮވިޑް-19ގެ ދެވަނަ ރާޅެއް އިންޑިއާއަށް ބިންދާލާ މުޅި އެ ގައުމު ސުންނާފަތި ވަމުންދާއިރު، ކޮންމެ ދުވަހަކު ވެސް އެތައް ބަޔަކު މި ބަލީގައި އެބަ ނިޔާވެއެވެ. ބަލި ޖެހޭ މީހުންގެ ނިސްބަތް ދުވަހަކަށްވުރެ ދުވަހެއް އިތުރުވަމުން ދާއިރު ހޮސްޕިޓަލްތަކަށް ނުކަތާ ވަރަށް މީހުން ފަރުވާ ހޯދަން އާދެއެވެ. އެހެންކަމުން އެނދާއި، އޮކްސިޖަނާއި އެމްބިއުލޭންސް ފަދަ ތަކެއްޗަށް އިންޑިއާގެ ގިނަ ސަރަހައްދުތައް މިއަދު ތިބީ ފެން ބޮވައިގެންފައެވެ.
މި ހާސްކަން ބޮޑު ދަނޑިވަޅުގައި ވެސް އިންސާނިއްޔަތާއި ގައުމީ ލޯބި އިސްކޮށް އިންޑިއާގެ ބައެއް ރައްޔިތުން މަސައްކަތް އެބަ ކުރެއެވެ. އެގޮތުން މިއީ އިންޑިއާގެ ބޯޕާލްގެ އޮޓޯ ދުއްވާ މީހެއްގެ ވާހަކައެވެ. އޮޓޯއަކީ އިންޑިއާގައި ވަރަށް ގިނަ ތިން ފުރޮޅުލީ އުޅަނދެކެވެ. ދިވެހީން އެއަށް ކިޔާ އުޅެނީ ކުރޮޅިއެވެ.
މި މީހާ އޭނާގެ ކުރޮޅި މިވަނީ އެމްބިއުލޭންސްއަކަށް ބަދަލު ކޮށްލާފައެވެ. އޭގައި ބަލި މީހުން އުފުލައިދޭއިރު އޮކްސިޖަން ވެސް ފޯރު ކޮށްދެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ޖާވިދު ޚާން ނަމަކަށް ކިޔާ މި މީހާ މިކަން ކުރާތާ މިހާރު ދުވަސްކޮޅެއް ވެއްޖެއެވެ. އަދި މިހާތަނަށް އޭނާ ވަނީ 10 މީހެއްގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރިކަން ފޯރު ކޮށްދީފައެވެ.
އެމީހާ ބުނާ ގޮތުގައި އޭނާ ކުރޮޅި ދުއްވުމުގައި އުޅޭތާ 18 އަހަރު ދުވަސް ވެއްޖެއެވެ. އަދި ކޮވިޑް-19އަށް އެއްވެސް މީހަކު އޭނާގެ އާއިލާއިން ފައްސި ނުވާ ކަމަށާއި ނަމަވެސް އެތައް ބަޔަކު ކޮންމެ ދުވަހަކު މަރުވާތަން ފެނި އަސަރު ކުރީ ކަމުގައި އޭނާ ކިޔައިދިނެވެ.
އޭނާގެ ކުރޮޅީގައި އޮކްސިޖަނާއި ސެނެޓައިޒަރ އަދި ބޭސް ފަދަ ތަކެތި ހުރެއެވެ. ބޭނުން ޖެހިފައިވާ އެތައް ބަޔަކަށް އެ އެއްޗެހި ފޯރު ކޮށްދެއެވެ.