ޚަބަރު

އަމިއްލައަށް ހެލިކޮޕްޓަރު ހިންގޭނެ މުއްސަނދިކަމެއް ދައުލަތުގައި ނެތް: މާރިޔާ

ދެން އެމްވީ ، ދެން އޮންލައިން

ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ އިންސާނީ ބައެއް ހިދުމަތްތައް ދިނުމުގެ ގޮތުން މިހާރު އިންޑިއާއިން ދީފައިވާ ހެލިކޮޕްޓަރުތައް ބޭނުން ކުރަމުންދާއިރު، އެފަދަ ބޭނުމަށް ދިވެހި ދައުލަތުގެ ހަރަދުގައި ހެލިކޮޕްޓަރުތަކެއް ހޯދައި ހިންގުމުގެ މާލީ މުއްސަނދިކަމެއް ދައުލަތުގައި ނެތް ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ރޭ ވިދާޅުވެއްޖެ އެވެ.

Ads by MWSC

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ދިވެހި އަސްކަރިއްޔާގައި ބޭރުގެ އެއްވެސް ބަޔަކު ނުތިބޭ ކަމަށާއި އަސްކަރިއްޔާގައި ތިބެނީ ދިވެހިން އެކަނި ކަމަށެވެ. އެހެންކަމުން އަސްކަރިއްޔާގައި މިނިވަންކަމާއި އަމިއްލަވަންތަ ކަމެއް ނެތް ވާހަކައަކީ އެއްވެސް އަސާސެއް ނެތި އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކައެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

މާރިޔާ ވިދާޅުވީ އިންޑިއާ އިން ހަދިޔާ ކުރި ހެލިކޮޕްޓަރުތަކުގެ ސަބަބުން ދިވެހިންނަށް އެއްވެސް ގެއްލުމެއް ނުލިބޭ ކަމަށާއި ދިވެހިންނަށް އެ ހެލިކޮޕްޓަރުތަކުގެ ސަބަބުން ލިބެނީ ފައިދާ ކަމަށެވެ. ހެލިކޮޕްޓަރުތައް ބޭނުން ކުރާނީ ގެއްލޭ މީހުން ހޯދުމަށާއި ބަލި މީހުން އުފުލުން ފަދަ އިންސާނީ ހިދުމަތްތަކަކަށް ކަމަށް މާރިޔާ ވިދާޅުވި އެވެ.

"ރާއްޖޭ ބޮޑު ބަޔަކީ ކަނޑުގެ ސަރަހައްދު، އެހެން އޮންނައިރު އެމަޖެންސީގައި ބަލި މީހުން އުފުލަން ޖެހޭ ފަހަރު ވެސް އާދޭ، އަދި މީހުން ގެއްލިގެން ހިންގާ ސާޗު އޮޕަރޭޝަންތަކުގައި ވެސް މި ބޭނުން ކުރަނީ މި ހެލިކޮޕްޓަރުތައް، މިފަދަ ހިދުމަތްތައް ލިބެނުްދާއިރު ސިޔާސީ ބޭނުމަކަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކާ މެދު ހިތާމަ ކުރަން،" މާރިޔާ ވިދާޅުވި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި އެގްރިމަންޓެއްގެ ދަށުން، އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެވެ. އެއް ހެލިކޮޕްޓަރު އޮންނަނީ، އައްޑޫގަ އެވެ. އަދި އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ. އެ ހެލިކޮޕްޓަރުތައް ބަލަހައްޓައި ދުއްވަނީ އިންޑިއާގެ ސިފައިންނެވެ.

މާލީ ހާލަތާއި ގައުމުގެ ވަސީލަތްތައް ހުރި ގޮތުން އަމިއްލަ އަށް ހެލިކޮޕްޓަރެއް ހިންގުމުގެ ހަރަދެއް ހިންގާނެ މުއްސަނދިކަމެއް ދިވެހި ދައުލަތުގައި ނެތް ކަމަށް އެކަމަނާ ވިދާޅުވި އެވެ.

"ރައްޔިތުންނަށް ބޭނުން ޖެހިދާނެ ކަމަށް އެއިން ތަނެއްގައި ހެލިކޮޕްޓަރެއް ބާއްވައިގެން ހިންގަން އެއީ އަޅުގަނޑުމެން އަމިއްލައަށް ކުރަން ޖެހޭ ހަރަދެއްނަމަ އެއީ ވަރަށް ބޮޑު ހަރަދެއް، ބޭނުންތެރިކަމެއް، އެކަމަކު އެވަރުގެ މުއްސަނދިކަމެއް ނެތް ދައުލަތެއް ގޮތުގައި،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!