ޚަބަރު

މުޒާހަރާގައި ބައެއް ނޫސްވެރިންގެ ފަރާތުން އަޚްލާޤީ މިންގަނޑުތަކާ ޚިލާފު އަމަލުތައް ފެނުނު:މީޑިއާ ކައުންސިލް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ފޮޓޯ: އަވަސް

ޖިންސީ ގޯނާއާ ދެކޮޅަށް މާލޭގައި ރޭ ކުރިއަށް ދިޔަ މުޒަހަރާ ކަވަރު ކުރަން އުޅުނު ބައެއް ނޫސްވެރިންގެ ފަރާތުން ނޫސްވެރިކަމުގެ އަޚްލާގީ މިންގަނޑުތަކާ ޚިލާފު އަމަލުތަކެއް ފެނުނު ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއްޖެއެވެ.

Ads by STELCO

އެ ކައުންސިލުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވީ މަސައްކަތުގެ މާހައުލުމުގައި ކުރިމަތިވާ ޖިންސީ ފުރައްސާރަ އާ ދެކޮޅަށް ކުރި މުޒާހަރާ ހުއްޓުވުމަށް ފުލުހުން ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާއި ނޫސްވެރިންނާ ބޭއަދަބީ ބަހުން މުހާތަބު ކުރި ކަމުގެ މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ. އަދި އެކަން ކުށްވެރި ކުރާ ކަމުގައި ވެސް އެބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައި ވަނީ ނޫސްވެރިންނަކީ މަސައްކަތުގެ މާހައުލުގައި އަދި މުޖުތަމައުގައި އުޅުމުގައި ވެސް ވަކި މިންގަނޑުތަކެއް ހިފަހައްޓާ ނަމޫނާ ބަޔަކަށް ވާން ޖެހޭ ކަމަށެވެ. އަދި ނޫސްވެރިކަމުގެ އިމުގެ ތެރޭގައި ނޫސްވެރިން ކުރާ މަސައްކަތަށް ހުރަސްއެޅުމަކީ ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ވެއެވެ.

ރޭގެ މުޒާހަރާއާ ގުޅިގެން މޯލްޑީވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ވެސް ވަނީ ބަޔާނެއް ނެރެފައެވެ. އެ ބަޔާނުގައި ވިދާޅުވީ އެކި އެއްވުންތަކާއި މުޒާހަރާތައް ކަވަރު ކުރުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށް ކުރިމަތިވާ ތަފާތު ހުރަސްތައް ނައްތާލައި ނޫސްވެރިންގެ ވާޖިބު އަދާ ކުރުމަށް ފުރިހަމަ، ފަހި މާހައުލެއް ގާއިމު ކޮށްދީ ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށް ފުލުހުންގެ އަރިހުން އެދޭ ކަމަށެވެ

ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއަކީ ޒުވާނުންތަކެއް އިސް ނަގައިގެން ކުރިއަށް ގެންދިޔަ މުޒާހަރާއެކެވެ. ރޭގެ މުޒާހަރާ ފުލުހުން ރޫޅާލީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކޮށްގެންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!