ޚަބަރު

ދިވެހިން ހިމެނޭހެން އިންޑިއާއިން އަންނަ މީހުން 14 ދުވަހަށް ކަރަންޓީނުވާން އަންގައިފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ދިވެހިން ހިމެނޭހެން އިންޑިއާއިން އަންނަ މީހުން 14 ދުވަހަށް ކަރަންޓީނުވާން އަންގައިފިއެވެ.

Ads by Sosun Fihaara

ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އާއި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން ނެރެފައިވާ އެންގުމެއްގައި ވިދާޅުވެފައި ވަނީ މި ހިނގާ މެއި މަހުގެ 5 އިން ފެށިގެން އިންޑިއާއިން އަންނަ ދިވެހިންނާއި ވޯކް ޕާމިޓް ހޯލްޑާސް 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކޮށް ޕީސީއާރް ޓެސްޓެއް ހަދަން ޖެހޭނެ ކަމަށެވެ.

މިއީ އަނެއްކާ ވެސް ރާއްޖޭގައި ހަލުވި ކަމަށާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން، ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން ސަރުކާރުން އަޅާފައިވާ ހަރުކަށި ފިޔަވަޅު ތަކެކެވެ.

ރާއްޖޭގައި ވެސް މިހާރު ފެތުރެމުން މިދަނީ އަވައްޓެރި އިންޑިއާ ގައި ފެތުރެމުން އަންނަ ވޭރިއަންޓު ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ. ނަމަވެސް ސަރުކާރުން އަދި އެކަން ކަށަވަރުކޮށް ނުދެއްވައެވެ.

ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑަށް ފައްސިވާ އަދަދުތައް އަނެއްކާ ވެސް ވަނީ ރިކޯޑު އަދަދަކަށް އިތުރުވާން ފަށާފައެވެ. އެގޮތުން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރުނު އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، އިއްޔެ ރާއްޖެއިން މި ބައްޔަށް 508 މީހުން ވަނީ ފައްސި ވެފައެވެ.

އެ އަދަދާއެކު މިހާރު ރާއްޖެއިން މުޅިއަކު 30،745 މީހުން ފައްސިވެފައިވެއެވެ. އަދި ބަލިން ފަސޭހަ ވެފައިވަނީ 25،068 މީހުންނެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން މިހާތަނަށް ނިޔާވެފައި ވަނީ 74 މީހުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!