ރިޕޯޓް

ވެކްސިން ޕާސްޕޯޓާއެކު އީދު ޗުއްޓީ ހަދާލަން ކުރި ހުވަފެން ބިލާހަކަށް!

މުޙައްމަދު އަރީޙް ، ދެން އޮންލައިން

ރަށު ބަންދުގައި އަހަރެއް ދުވަހު ތިބުމަށް ފަހު "ފައިނަލީ" ތާކަށް ދެވޭނެ ކަމުގެ އުންމީދުގައި ތިބި މީހުންގެ ލިސްޓުގެ ވަރަށް ކުރީގައި އަހަރެންގެ ނަން އޮންނާނެ ކަން ގައިމެވެ. ރަށް މޮނިޓަރިންގއަށް ލުމާއެކު ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން ހުއްޓާލި ހިސާބުން ހޮސްޕިޓަލުގެ ފޭސްބުކް ޕޭޖް ނޮޓިފިކޭޝަން އޮން ކުރީވެސް އަލުން ވެކްސިން ޖަހަން ފެށުމާއެކު ކިއޫއަށް އެރުމުގެ ފޮނި އުންމީދުގައެވެ. ކޮންމެއަކަސް އުންމީދުގައި މިވަނީ ކުލަ ޖެހިފައެވެ. އަހަރެން ދެވަނަ ޑޯޒް ވެކްސިން ފުރިހަމަކޮށްފީމެވެ. ނަމަވެސް ވެކްސިނުގެ ދެ ޑޯޒް ޖެހުމަށް ފަހު ރަށަކަށް ރަހްމަތްތެރިންނާއެކު ދިއުމަށް ކުރަމުން އައި ހުވަފެން މި ވަނީ ބިލާހަކަށް ވެފައެވެ.

Ads by Hajj Corporation

މާލޭގައި އަހަރަކަށްވުރެ ގިނަ ދުވަހު ރަށު ބަންދުގައި ހުރުމަށް ފަހު އެކަމުން މިންޖުވާން ރަށަށް އައި ތަނުން ރަށް ވެސް ވަނީ ބަންދުކޮށްފައެވެ. އެކަމަކު ހިތްވަރު އެލުވައި ނުލައި ހުރީ ދެވަނަ ޑޯޒް ވެކްސިނާއެކު، ލިބޭނެ ވެކްސިން ޕާސްޕޯޓްގެ މިނިވަންކަމަށް ހިތް އެދިއެދި ހުރުމުންނެވެ. މާލޭގައި ތިބި ރަހްމަތްތެރިންނާއެކު އެއްތަންވެ، އީދުގެ މަޖަލުގައި ބައިވެރިވެވޭނެ ކަމުގެ އުންމީދުގައެވެ. އެކަމަކު ރޭ އެޗްޕީއޭއިން ނެރުނު ބަޔާނާއެކު ގިނަ ބައެއްގެ ޕްލޭންތައް މިވަނީ ފެއިލް ވެފައެވެ.

ލަހުން ނިންމި ބޮޑު ނިންމުމެއް

އެޗްޕީއޭއިން މީގެ ކުރިން ދީފައިވާ ގިނަ ލުއިތައް މިއަދު މިވަނީ ހަރުކަށިކޮށްފައެވެ. އެކަމަށް މަޖުބޫރު ވެގެންނެވެ. ރާއްޖެއިން ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު ރޮކެޓް ސްޕީޑްގައި މައްޗަށް ދާއިރު، މިކަމަށް އަތް އުރާލައިގެން ނުތިބެވޭނެކަން ޤަބޫލު ކުރަމެވެ. އެކަމަކު ހިތުގައި އުފެދޭ ސުވާލެއް އެބައޮތެވެ. މިހާ ލަހުން ކީއްވެގެން ހެއްޔެވެ؟ ގައިމު އިންޑިއާގައި ފެތުރޭ ވޭރިއަންޓްގެ ޚަބަރު އަހަރެމެންނަށް ނީވެނީއެއް ނޫނެވެ. ކޮންމެ ދުވަހަކު އެ ވާހަކަތައް އަހަރެމެން ނޫސްތަކުން އެބަ ކިޔަމުއެވެ. އޮކްސިޖަން ނުލިބޭ ވާހަކައާއި އެތައް ބަޔަކު ފަރުވާ ނުދެވި މަރުވާން ދޫކޮށްލެވޭ ވާހަކައެވެ. މިއީ ރިޔަލު ދޯނީގެ ޒަމާނެއް ވެސް ނޫންތާއެވެ. ނޫންނަމަ ކަދަފޮތީގައި ޚަބަރު ދޭން އައި މީހާ ނައުމުން އެހެން ވެދާނެއެވެ.

އެހެން ނަމަވެސް މިއަދުގެ ހާލަތުތޯއެވެ. މީގެ 2 ހަފްތާ ކުރިން ރާއްޖޭގެ ބަސްހިނގާ އިސް ޑަކްޓަރުންނާއި ސިއްޙީ އެހެން މާހިރުން ޓްވިޓަރގައި ސަރުކާރަށް އާދޭސް ދެންނެވިއެވެ. މިކަމުން އަރައިގެނެވޭނީ އަވަސް ފިޔަވަޅުތަކެއް އަޅައިގެން ކަމަށް އެފަރާތްތަކުން ތަކުރާރުކޮށް ބުނަމުން ގެންދިޔައެވެ. މިއަދު ރާއްޖެ މިއޮތް ހާލަތަށް ވައްޓާލުމުގައި އިހުމާލު އޮތް ކަމަށް ކުރެވޭ ތުހުމަތު ވެސް ގުޅެނީ މިފަދަ ކަންކަމާއެވެ. ފިޔަވަޅު އެޅުމުގައި ފަހަތުފަޔަށް ބުރަވުމާއެވެ.

ފަރުދީ ޒިންމާއޭ ބުނެ ނިންމާލެވެން ނެތް!

މިއަދު ސަރުކާރަށް ދެއްކޭނެ ބަހަނާއެއް އޮތް ކަމަށް އަހަރެން ހަމަގައިމު ވެސް ޤަބޫލެއް ނުކުރަމެވެ. އެވެރިން ބުނުމުން، މާސްކް އަގައިން ތިރިއެއް ނުކުރަމެވެ. ގޭގައި އޮންނާށޭ ބުނި ދުވަސްވަރު އޮތީ ގޭގައެވެ. މިސްކިތްތަކަށް ނަމާދަށް ނާރަން ބުނުމުން އެބަސް ވެސް އަހަރެމެން އެހީމުއެވެ. ކަރު ހިތްކައިގަނެ ފެންފޮދެއް ގަންނަން ބޭނުންވި ދުވަހު، އެވެރިންގެ އިރުޝާދަށް ފިހާރައަށް ނުގޮސް ގޭގައި މަޑު ކުރި ހަނދާން ވެސް އޮތީ މާ ދުރަކު ނޫނެވެ. އެހެންކަމުން މިއަދު ރާއްޖެ ވެއްޓިފައިމިވާ ބިރުވެރި ހާލަށް ވެއްޓިގެން ދިޔައީ ހަމައެކަނި އަހަރެމެން ފަރުދީ ޒިންމާ އަދާ ނުކޮށްގެނޭ ބުނެވޭނެ ޖާގައެއް ނެތެވެ. އަހަރެމެން ތިބީ ބަސް އަހައިގަނެވެ. މަދުވީ ބަސް ބުނާނެ މީހެކެވެ.

ކޮވިޑް-19ގެ ބިރުވެރިކަން އަހަރެމެންގެ ހިތްތަކުން ކަނޑުވައިލީ ވެސް ހަަމަ ވެރިންނެވެ. އިންތިޚާބަށް ވަކި ގޮތެއް، ރޯދަ މަހަށް ވަކި ގޮތެއް ހެދުމުން، ކޮވިޑް-19 ހަތިޔާރަކަށް ހެދި ކަމަށް އަހަރެމެން ރައްޔިތުން ވިސްނަން މަޖުބޫރު ކުރުވިއެވެ. އިޤްތިޞާދެއް ނެތޭ، ޤައުމެއް ނެތޭ ކިޔައި ފައިސާ ޗާޕް ކުރިއިރު އަހަރެމެން ތިބީ މަޑުންނެވެ. ގިނަ ބައެއްގެ އަތާ އަނގައާ ދިމާނުވެގެން އުޅޭއިރު، ޗާފް ކުރި ފައިސާތައް ވެރިންގެ އާއިލާތަކުގެ ކުންފުނިތަކަށް ބަހައިލިއިރު އަހަރެމެން ތިބީ ބަލާށެވެ. އަތާ އަނގައާ ދިމާނުވެ، ސަރުކާރުން ދޭ ސަޕޯޓް އެލޮވެންސަށް ބަރޯސާވެ އެތައް ބަޔަކު މަގުމަތިވެގެން ދިޔައިރު، އެވެރިންގެ ހިތަށް ކުޑަވެސް އެއްޗެއް އަރާފާނެ ކަމުގެ ކުންހީއާއެކުގައެވެ. ރޯދަ މަހެއް ނިމިގެންދާއިރު، އެތައް ބަޔަކު ބިކަވެ، ހާލުގައި ޖެހިއްޖެއެވެ. ސަރުކާރު ހިންގާ ޕާޓީގެ މެންބަރުންގެ ކުންފުނިތަކަށް މިލިޔަނުން ބަދަލުގެ ގޮތުގައި ދޭއިރު، އަހަރެމެން މިތިބީ ބަލާށެވެ. ގޮތެއް ނެތިފައެވެ. ބާރުއޮތް މީހުންގެ ބާރު ، އަނިޔާއަށް ބަދަލުވެ އަޑު އުފުލުމަށް އޮތް ކުޑަކުޑަ ހިތްވަރު ވެސް ކަނޑުވައިލައިފިއެވެ.

ފިޔަވަޅުއަޅަން ޖެހެނީ ވަކި ބަޔަކަށް ، ވަކި ސާއަތަކަށް ބަލާފައެއް ނޫން

ރޭ ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މަބްރޫކް އަޒީޒު ވިދާޅުވީ މިހެންނެވެ.

"އަޅުގަނޑު ބުނިން ރާއްޖޭގެ ބޯޑަރުތައް ބަންދުކުރަން ވިޔަސް ގައުމަކުން ރާއްޖެއަށް މީހުން އައުން ހުއްޓުވަން ވިޔަސް ލޮކްޑައުނަކަށް ދާން ވިޔަސް އެކަން ކަމަކީ ކުރަން ޖެހިއްޖެ ނަމަ ކުރަން ތައްޔާރަށް ތިބި ކަންކަމޭ،"

އެކަމަކު އުފެދޭ ސުވާލަކީ ކޮން އިރަކު ހެއްޔެވެ؟ ބޯޑަރު ބަންދު ކުރަނީ ހާލަތު ކިހައި ވަރަކަށް ގޯސްވީމަ ހެއްޔެވެ؟ ބައެއް ގައުމުތަކުން ދަނީ ، އެންމެ ނުރައްކާ ބޮޑު އިންޑިއާއިން އެހެން ގައުމުތަކަށް ދިޔުން މަނާކުރުމުގެ އުނދަގޫ ފިޔަވަޅު އަޅަމުންނެވެ. އަހަރެމެން މި ދަނީ އެމީހުންގެ ވަޒީފާތަކަށް އަނބުރާ ދިޔުމަށް ޓަކައި ފުރިހަމަ ކުރަން ޖެހޭ ކަރަންޓީނަށް ޓަކައި އަހަރެމެންގެ ސަލާމަތްތެރިކަން ވިއްކަމުންނެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކޭ ވިދާޅުވެ ނިންމަވާ ކަންކަމާ މެދު ފިކުރުކޮށްލެވި ބަހުސަކަށް ދާން ޖެހެނީ މިފަދަ ކަންކަމާހުރެއެވެ.

ކޮވިޑް ކޭސްތައް 300 އިން މަަތީގައި ހުންނަތާ މިއަދު ވަނީ ހަފްތާއެއް ވެފައެވެ. ގިނަ ދުވަސް ދުވަހު ފައްސިވި އަދަދު ހުރީ 400 އިން މަތީގައެވެ. އިއްޔެ އާއި މިއަދު ވަނީ 500 ވުރެ ގިނަ މީހުން ފައްސިވެފައެވެ. މިފަދަ ދުވަސްވަރެއްގައި ދަތުރު ކުރުން ރައްކާތެެރިއެއް ނޫނެވެ. އަހަރެންގެ ހުވަފެން ބިލާހަކަށް ވިޔަސް އެކަމުގައި ދެރައެއް ނެތެވެ. އަހަރެންގެ ސަބަބުން އިތުރު މީހަކަށް ބަލި ޖެހޭކަން ޚުދު އަހަރެންނެއް ބޭނުމެއް ނޫނެވެ. އަހަރެން ހުންނާނީ އިރާދަ ކުރެއްވިއްޔާ ގޭގައެވެ. ވެރިން ބުނާ ބަހުގެ އަޑު އަހަރެން އަހާނަމެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!