ކޮވިޑް-19: މާލޭ ޖަލުން 25 ގައިދީއަކު ފައްސިވެއްޖެ
ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުން ހިންގާ މާލޭ ޖަލުން 25 ގައިދީއަކު ކޮވިޑް-19އަށް ފައްސިވެފައިވާ ކަމަށް އެ ސާވިސްއިން ވިދާޅުވެއްޖެއެވެ.
ކަރެކްޝަންސް ސާވިސްއިން މިރޭ ވަނީ އެ ސާވިސްއިން ބަލަހައްޓަމުން ގެންދަވާ ޖަލުތަކުން ކޮވިޑަށް ފައްސި ވެފައިވާ މީހުންގެ އަދަދުތައް ހާމަ ކުރައްވާފައެވެ.
އެގޮތުން މިއަދު މާލެ ޖަލުން 25 ގައިދީން ކޮވިޑް-19 އަށް ފައްސިވެފައި ވެއެވެ. 17 ގައިދީއަކު ވަނީ ކަރަންޓީނު ކޮށްފައެވެ. އަދި ހަމަ އެ ޖަލުން 4 މުވައްޒަފުން/އޮފިސަރުން ވެސް ކޮވިޑަށް ފައްސިވެފައިވާ ކަމަށާއި 20 މުވައްޒަފަކު ކަރަންޓީނު ކޮށްފައިވާ ކަމަށް ވެސް މައުލޫމާތު ލިބިފައިވެއެވެ.
މާފުށީ ޖަލުން އެއްވެސް ގައިދީއަކު ފައްސިވެފައެއް ނުވެއެވެ. ނަމަވެސް 31 މުވައްޒަފުން/އޮފިސަރުން އެ ޖަލުން ކޮވިޑަށް ފައްސި ވެފައިވެއެވެ. އަދި 77 މީހަކު އެ ޖަލުން ކަރަންޓީނު ކޮށްފައިވެއެވެ.
ހިންމަފުށީގައި ހުންނަ އައްސޭރި ޖަލުން ވެސް އެއްވެސް ގައިދީއަކު ކޮވިޑް-19 އަށް ފައްސިވެފައެއް ނުވެއެވެ. ނަމަވެސް 18 މުވައްޒަފަކު އެ ޖަލުން މި ބައްޔަށް ފައްސިވެފައިވެއެވެ.
ހުޅުމާލޭގައި ހުންނަ ޖަލުން އެއްވެސް ގައިދީއަކު ވެސް އަދި އޮފިސަރަކު ވެސް ކޮވިޑަށް ފައްސިވެފައެއް ނުވެއެވެ.
ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައިވާ ތަންތަނުން ފައްސިވެފައި ވަނީ 53 އޮފިސަރުންނާއި 25 ގައިދީންނެވެ. އަދި ކަރަންޓީނުގައި ތިބީ 97 އޮފިސަރުންނާ 17 ގައިދީންނެވެ.