ފުވައްމުލަކަށް އަރައި ފޭބުން މަނާ ކޮށްފި

ކަރަންޓީނުގައި ނެތް ދެ މީހަކު ފުވައްމުލަކު ސިޓީން ކޮވިޑް-19 އަށް ފައްސިވުމުން، އެ ރަށަށް އަރައި ފޭބުން މަނާ ކޮށްފިއެވެ.
ފުވައްމުލަކު ކައުންސިލު މެމްބަރ ޙަމަދު ޢަބްދުﷲ "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެގެން އެ ސިޓީ މޮނީޓަރިންގަށް ލައިފައިވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަތޮޅު ތެރޭގައި ވެސް މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދެއެވެ. އެގޮތުން މިހާރު 30 ރަށެއް ވަނީ މޮނީޓަރިންގަށް ލައިފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.
ރާއްޖޭގައި މިދުވަސްވަރު އަނެއްކާ ވެސް ކޮވިޑަށް ފައްސިވާ މީހުންގެ އަދަދުތައް އަންނަނީ ރިކޯޑު އަދަދަކަށް އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް 734 މީހުން މި ބައްޔަށް ރާއްޖެއިން ފައްސި ވެފައިވާއިރު ޖުމްލަ އަދަދު މިހާރު ވަނީ 32،665 އަށް އަރާފައެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމަށް ސަރުކާރުން ވަނީ އަނެއްކާ ވެސް ފިޔަވަޅުތަކެއް އިތުރު ކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދު (މާލެ، ވިލިމާލެ، ހުޅުމާލެ، ތިލަފަޅު، ގުޅީފަޅު) ގައި ރޭގަނޑު 9:00 އިން ފެށިގެން ފަތިހު 4:00 އަށް ބޭރުގައި އުޅުން މަނަލެވެ. އަދި މެންދަމު 00:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވެސް މަނަލެވެ.