ކުނި ނެރެން ޖެހޭ ވަގުތުތަކަށް އަނެއްކާ ވެސް ބަދަލު ގެނެސްފި
މާލޭގައި ދިރިއުޅޭ މީހުން ކުނި ނެރުމަށް ހަމަޖެހިފައިވާ ވަގުތުތަކަށް އަނެއްކާ ވެސް ބަދަލު ގެނެސްފިއެވެ.
ވެމްކޯއިން މިއަދު ބުނީ ކޮވިޑް-19 އިން ރައްކާތެރި ވުމަށް އަޅާ ފިޔަވަޅު ތަކުގެ ތެރޭގައި، މާލޭގެ ބޭފުޅުން ކުނި ނެރުމަށް ހަމަޖެހިފައިވާ ވަގުތުތަކަށް ބަދަލު ގެނެވިފައިވާނެ ކަމަށެވެ.
އެގޮތުން މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުރި ވެމްކޯގެ ޓްރާންސްފާ ސްޓޭޝަނުން ދޭ ހިދުމަތްތައް މިހާރު ފޯރުކޮށްދެނީ ހަވީރު 5:00 ޖެހުމާއި ހަމައަށް ކަމަށާއި، ވެމްކޯ ކޯލް ސެންޓަރުގެ ހިދުމަތް ދޭނީ ހެނދުނު 09:00 އިން މެންދުރު ފަހު 3:00 އަށް ކަމަށް ވެމްކޯ އިން ވަނީ ބުނެފައެވެ.
އަދި މާލޭ ސަރަހައްދުން ކުނި ނެރެން ހަމަޖައްސައިފައިވާ ގަޑިއަކީ ރޭގަނޑު 9 އިން 10 އަށް ކަމަށް ވެސް ވެމްކޯއިން ބުނެއެވެ. މި ރަމަޟާން މަހު މީގެ ކުރިން ކުނި ނެރުމަށް ހަމަޖައްސައިފައިވާ ގަޑިއަކީ ރޭގަނޑު 10 އިން 11 އަށެވެ.
މާލޭ ސަރަހައްދުގެ ފިޔަވަޅުތައް ހަރުކަށި ކުރުމުގެ ގޮތުން ރެއިން ފެށިގެން ކޮންމެ ރެއެއްގެ ވެސް ރޭގަނޑު 9 އިން ފަތިހު 4 އަށް ބޭރަށް ނިކުމެ ނޫޅެވޭނެ ގޮތަށް ކާފިއު ވަނީ ހިންގަން ފަށައިފައެވެ. އަދި ސަރުކާރު އޮފީސްތައް ބަންދުކޮށް ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައި ޕާކުތަކާއި އެކި މައިޒާންތައް ވެސް ވަނީ ބަންދު ކުރެވިފައެވެ.
ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ގޯސްވެ، ބައްޔަށް ފައްސިވާ އަދަދުތައް މިފަހަކަށް އައިސް ދަނީ އިތުރުވަމުންނެވެ. އެގޮތުން އިއްޔެ ވެސް 746 މީހުން ވަނީ ރާއްޖެއިން މި ބައްޔަށް ފައްސި ވެފައެވެ.