އަމިއްލަ ކުންފުނިތަކާއި އޮފީސްތަކުގެ މުވައްޒިފުން ހިމެނޭހެން ގޭގައި ތިބެ މަސައްކަތް ކުރަން އަންގައިފި
މާލޭ ސަރަހައްދުގެ ސަރުކާރުގެ އިދާރާތަކާއި އަމިއްލަ ކުންފުނިތަކުގެ އޮފީސްތައް ހިމެނޭހެން ގޭގައި ތިބެގެން މަސައްކަތް ކުރުމަށް އެޗްޕީއޭއިން އަންގައިފިއެވެ.
އެޗްޕީއޭއިން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ މޭ 7 ވަނަ ދުވަހުން ފެށިގެން ވަކި ގޮތެއް އަންގަންދެން މާލެ ޞަރަޙައްދު (މާލެއާއި ހުޅުމާލެއާއި، ވިލިނގިއްޔާއި، ތިލަފުށްޓާއި، ގުޅީފަޅު) ގައި ހުންނަ ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކާއި އޮފީސްތަކަށް މުވައްޒަފުން އޮފީހަށް ހާޒިރުވެގެން (ކޮންމެހެން ނުކުމެގެން ކުރަންޖެހޭ ޒަރޫރީ ބޭނުންތައް ފިޔަވައި) މަސައްކަތްކުރުމުގެ ބަދަލުގައި ގޭގައި ތިބެގެން މަސައްކަތް ކުރުމަށާއި، ބާއްވަންޖެހޭ ބައްދަލުވުންތައް އޮންލައިންކޮށް ބޭއްވުމަށް އަންގާ ކަމަށެވެ.
ރާއްޖޭގައި މިހާރު ހަލުވި ކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން، ބަލި ކޮންޓްރޯލް ކުރުމުގެ ގޮތުން އެޗްޕީއޭއާއި ސަރުކާރުގެ އެހެން ގިނަ ވުޒާރާތައް ގުޅިގެން ވަނީ އިތުރު ފިޔަވަޅުތަކެއް އަޅާފައެވެ.
އެގޮތުން މެއި މަހުގެ 5 އިން 15 އަށް ސަރުކާރު އޮފީސްތައް ބަންދުކޮށް، އޮންލައިންކޮށް މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ވަނީ އަންގާފައެވެ.
އޭގެ އިތުރުން މާލެ ސަރަޙައްދުގެ ސްކޫލްތަކުގެ ކިޔެވުން ވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކުރުމަށާއި މިސްކިތްތަކުގައި ނަމާދު ކުރާއިރު ގައިދުރުކޮށް ނަމާދު ކުރުމަށާއި މާސްކު އަޅައިގެން ނަމާދު ކުރުމަށް ވެސް ވަނީ އަންގައިފައެވެ.
މީގެއިތުރުން ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށް ޓަކައި މާލެ ސަރަޙައްދުގައި އިއްޔެ ވަނީ ރޭގަނޑު 9:00 އިން ފަތިހު 4:00 ޖަހަން ދެން ބޭރަށް ނުކުމެ އުޅުން މަނާކޮށް ކާފިއު ވެސް އިއުލާނު ކޮށްފައެވެ. އަދި މެންދަމު 00:00 އިން ފަތިހު 4:00 އަށް އެއްގަމު އުޅަނދުފަހަރު ދުއްވުން ވެސް މަނަލެވެ.
ކޮވިޑް ކޭސްތަކަށް ބަލާއިރު، ރާއްޖެއިން އިއްޔެ ވެސް 701 މީހުން ވަނީ މި ބައްޔަށް ފައްސި ވެފައެވެ، އަދި އިއްޔެ އެކަނި ރާއްޖެއިން 5 މީހަކު މި ބަލީގައި ވަނީ ނިޔާވެފައެވެ. ފައްސިވީ ޖުމްލަ މީހުންގެ އަދަދު މިހާރު ވަނީ 33،368 އަށް އަރާފައެވެ.