ޚަބަރު

ރައީސް ނަޝީދަށް އަމާޒުކޮށް ދިނީ ޓެރަރިސްޓް ހަމަލާއެއް: ފުލުހުން

ރައުފާ ރަޝީދު ، ދެން އޮންލައިން

ރޭ ، ރައީސް ނަޝީދަށް އަމާޒުކޮށް ދިނީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރޭ ނިލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެންމެ ބޮޑު އިސްކަމެއްދީގެން ތަހުގީގުކުރަމުން ދާކަމަށެވެ. އަދި އެ ހަމަލާއަކީ ޓެރަރިޒަމް ހަމަލާއެއްކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

“މިހާތަނަށް ލިބިފައިވާ މައުލޫމާތާއި ފުލުހުންނަށް ހޯދިފައިވާ ހޯދުންތަކަށް ރިއާޔަތްކޮށް އެ ހަމަލާ ތަހުގީގުކުރަމުން މިދަނީ ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ހިންގި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގަ” ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން ތަހުގީގު ދާއިރާއިންނާއި ފޮރެންސިކްސްގެ ތެރެއިން ފުލުހުންނަށް ލިބެން ހުރި ހުރިހާ ވަސީލަތެއް ބޭނުން ކުރަމުންދާ ކަމަށާއި ތަހުގީގަށް އެހީތެރިވުމަށް އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ތަޖުރިބާކާރު ދެ ބޭފުޅެއް މާދަމާގެ ވަގުތެއްގައި ދިވެހިރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި ޔޫ.އެން.އޯ.ޑީ.ސީ ގެ ފަރާތުން ދިވެހިރާއްޖޭގައި މިވަގުތު ތިއްބެވި އިނގިރޭސިވިލާތުގެ ފަންނީ ދެ ބޭފުޅެއްގެ އެހީތެރިކަން، މި ހަމަލާ ތަހުގީގުކުރުމުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ލިބެމުންދާކަމަށް ވެސް ފުލުހުން ފާހަގަކުރިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ހަމަލާއާ ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ދިވެހި ގައުމީ ދިފާއީ ބާރާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ ތެރެ ބެލެހެއްޓުމުގައި ހާއްސަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން ފުލުހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ މި ހަމަލާ ދިން ވަގުތު އެ ސަރަހައްދުން ޝައްކުވާ އެއްވެސް ކަމެއް ފާހަގަ ކުރެވިފައިވާ ނަމަ، މި ހަމަލާއާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށް ހާއްސަ ކޮށްފައިވާ ހޮޓްލައިން 9704000 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުން އެދިފައެވެ އަދި މިގޮތަށް ފޯރުކޮށްދޭ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓާނެކަމުގެ ޔަގީންކަން ދޭކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!