ޚަބަރު

ހަމަލާދިން ސަރަހައްދުން ޝައްކު ކުރެވޭ ހަތަރު މީހަކު ފާހަގަ ކުރެވިފައިވޭ: ފުލުހުން

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ރައީސް ނަޝީދަށް ރޭ ހަމަލާދިން ސަރަހައްދުން ޝައްކު ކުރެވޭ ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލު ވުމުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވި ރައީސް ނަޝީދަށް ހަމަލާދިނުމުގައި ބައިވެރިވާ ކަމަށް ޝައްކު ކުރެވޭ ހަތަރު މީހަކު ފާހަގަ ކުރެވިފައިވާ ކަމަށާއި އެމީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

ސީޕީ ހަމީދު ވިދާޅުވީ މި މައްސަލައަކީ މިހާރު ފުލުހުން އެންމެ އިސްކަމެއް ދީގެން ތަހުގީގު ކުރަމުން އަންނަ މައްސަލައެއް ކަމަށެވެ. މި މައްސަލައިގެ ތަހުގީގުގައި ރާއްޖޭގައި މިވަގުތު ތިބި ބޭރުގެ ފަންނީ ދެ ބޭފުޅުން ވެސް ބައިވެރިވެއެވެ. މީގެ އިތުރުން އޮސްޓްރޭލިއަން ފެޑެރަލް ޕޮލިހުންގެ ވަފުދެއް ވެސް މާދަމާ ރާއްޖެ އައުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ނަޝީދަށް ހަމަލާ ދިން ސަރަހައްދު ކަމުގައިވާ ނީލޯފަރު ހިނގުމުން އެއްވެސް ބޭފުޅަކަށް ޝައްކުވާފަދަ އެއްވެސް އަމަލެއް ނުވަތަ އެއްވެސް އެއްޗެއް ފެނިފައިވާ ނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާ ކުރުމަށް ޚާއްސަ ކޮށްފައިވާ ފުލުހުންގެ ހޮޓްލައިން ނަމްބަރު 9704000 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އެގޮތަށް ފޯރުކޮށްދޭ މައުލޫމާތުތަކުގެ ސިއްރުވެރިކަން ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ރައްޔިތުންނަށް އަރުވައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!