ރޭގެ ހަމަލާއާ ގުޅޭގޮތުން ފުލުހުންގެ އިންޓެލްއަށް އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވޭ: ސީޕީ

ރައީސް ނަޝީދަށް އަމާޒުކޮށް ރޭ ދިން ހަމަލާއާ ގުޅޭ ގޮތުން ފުލުހުންގެ އިންޓެލިޖެންސަށް އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވާކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިޔަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުޙައްމަދު ހަމީދު ވިދާޅުވީ އެ ހަމަލާގެ އެއްވެސް މައުލޫމާތެއް އިންޓެލްއަށް ލިބިފައި ނުވާ ކަމަށާއި އެ ހާދިސާގެ އިންޓަލިޖެންސް ލިބިގެން ނުދިޔައީ ކީއްވެގެންތޯ ބަލަންޖެހޭ އިދާރާތަކުން ނުވަތަ ގުނަވަންތަކުން ބަލަމުން ގެންދާނެ ކަމަށެވެ.
"ފުލުހުންގެ އިންޓެލިޖެންސަށް ހަމަލާގެ މައުލޫމާތެއް ލިބިފައެއް ނެތީ ކީއްވެތޯ އާއި އެކަން ރަނގަަޅަށް ނުކުރެވެނީ ކީއްވެގެންތޯ ދައުލަތުގެ އިދާރާތަކުން ބަލާނެ. މިވަގުތު މުހިންމު ކަމެއް ދެނީ ތުހުމަތުވާ މީހުން ހައްޔަރުކޮށް ތަހުގީގު ކުރިއަށް ގެންދަން،" ހަމީދު ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ހަމަލާ ދިން ސަރަހައްދު ކަމުގައިވާ ނީލޯފަރު ހިނގުމުން އެއްވެސް ބޭފުޅަކަށް ޝައްކުވާފަދަ އެއްވެސް އަމަލެއް ނުވަތަ އެއްވެސް އެއްޗެއް ފެނިފައިވާ ނަމަ ލަސްނުކޮށް އެ މައުލޫމާތު ހިއްސާ ކުރުމަށް ޚާއްސަ ކޮށްފައިވާ ފުލުހުންގެ ހޮޓްލައިން ނަމްބަރު 9704000 އަށް ގުޅުއްވާ މައުލޫމާތު ހިއްސާ ކުރުމަށް ފުލުހުން ވަނީ އެދިފައެވެ. އަދި އެގޮތަށް ފޯރުކޮށްދޭ މައުލޫމާތުތަކުގެ ސިއްރުވެރިކަން ހިފެހެއްޓޭނެ ކަމުގެ ޔަގީންކަން ވެސް ފުލުހުން ވަނީ ރައްޔިތުންނަށް އަރުވައިފައެވެ.